ބްރެޒިލްގެ ވެރިކަން ކޯޓުތެރޭން ސަލާމަތްވެއްޖެ
ބްރެޒިލްގެ ވެރިކަން ކޯޓުތެރޭން ސަލާމަތްވެއްޖެ

ބްރެސީލިއާ (ޖޫން 10) - ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދެވި ކަމަށް ބްރެޒިލްގެ މިހާރުގެ ރައީސްގެ މައްޗަށް ތުހުމަތު ކުރި މައްސަލައިގެ ޝަރީއަތުގައި ކުށްވެރި ނުވެ އެ މަނިކުފާން ސަލާމަތްވެވަޑައިގެންފި އެވެ.

ބްރެޒިލްގެ ވެރިކަން ކޯޓުތެރޭން ސަލާމަތްވެއްޖެ
ބްރެޒިލްގެ ވެރިކަން ކޯޓުތެރޭން ސަލާމަތްވެއްޖެ

ބްރެޒިލްގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓުން ނިންމާފައި ވަނީ އިންތިޚާބުގެ ތެރޭގައި ގަވާއިދާ ޚިލާފު ފައިސާ ރައީސް މިޝޭލް ޓެމާ ބޭނުން ކުރައްވާފައި ނުވާ ކަމަށެވެ. ރައީސްއާ އެއްކޮޅަށް ހަތަރު ފަނޑިޔާރުން ތާއީދު ކުރެއްވި އިރު ދެކޮޅަށް ތާއީދު ކުރެއްވީ ތިން ފަނޑިޔާރުންނެވެ. މި މައްސަލައިގައި ޓެމާގެ މައްޗަށް ކުށް ސާބިތުވި ނަމަ އެމަނިކުފާނުގެ ވެރިކަން ގެއްލުނީހެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ދިލްމާ ރޫސެފް އެވެ. ޓެމާ އަކީ އެކަމަނާގެ ރަނިން މޭޓެވެ. ޓެމާ އަށް ވެރިކަން ލިބިވަޑައިގެންނެވީ ރޫސެފްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެކަމަނާ މިދިޔަ އަހަރު ވެރިކަމުން ދުރުކުރުމުންނެވެ.

ކޯޓުން ބަލާފައި ވަނީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ރޫސެފް-ޓެމާ ކެމްޕޭނުގައި ގަވާއިދާ ޚިލާފަށް ހޯދާފައިވާ ފައިސާގެ އެހީތައް ބޭނުންކޮށްފައިވޭތޯ އެވެ. މައްސަލައިގެ ތަހުގީގުގައި ހިމެނޭ ފަނޑިޔާރު ހެމާން ބެންޖަމިން ނިންމަވާފައި ވަނީ ޓެމާ ކުށްވެރިވާ ކަަމަށެވެ. ޓީވީން ވަގުތުން ދައްކަމުން ދިޔަ ޝަރީއަތުގައި ބެންޖަމިން ވިދާޅުވީ ކޮންގޮތަކުން ލިބުނު އެއްޗެއްކަން ނޭނގޭ ފައިސާ އިންތިޚާބުގައި ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ އިގްތިސާދީ އަދި ސިޔާސީ ބާރު ނަހަމަގޮތުގައި ހިފުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ނަމަވެސް އަނެއް ހަތަރު ފަނޑިޔާރުން ނިންމާފައި ވަނީ އިންތިޚާބުގައި ގަވާއިދާ ޚިލާފަށް ފައިސާ ބޭނުންކޮށްފައިވާކަން ސާބިތުކޮށްދެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަަށެވެ.

ރައީސް ޓެމާގެ މައްޗަށް ދަނީ ކޮރަޕްޝަނުގެ އެހެން މައްސަލަތަކެއްގެ ތަހުގީގު ވެސް ހިންގަމުންނެވެ. ބްރެޒިލްގެ ގާނޫނު އަސާސީގައި ބުނަނީ ވެރިކަމުގެ ދައުރުގައި ދެ އަހަރަށް ވުރެ ކުރު މުއްދަތެއް އޮއްވައި ރައީސް ވަކިވެއްޖެ ނަމަ އާ އިންތިޚާބެއްގެ ބަދަލުގައި ކޮންގްރެސް އިން ވަގުތީ ރައީސަކު އިންތިޚާބު ކުރުމަށެވެ. ބްރެޒިލްގައި އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ އެވެ.