ޕްރީއޯޑާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގި މައްސަލަތަކެއް ފެންމަތިވެއްޖެ
ޕްރީއޯޑާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގި މައްސަލަތަކެއް ފެންމަތިވެއްޖެ

ދުރާލައި ފައިސާ ދެއްކުމުން ފޯނާއި އަގު ބޮޑެތި ސަމާނު ގެނެސްދޭ ކަމަށް ބުނެ ފޭސްބުކްގައި ހިންގާ ޕޭޖަކުން ބައެއް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއް ފެންމަތިވެ، ފައިސާ ދެއްކި ފަރާތްތަކަށް ފުލުހުން އެ ފައިސާ ހޯދައިދީފި އެވެ.

ޕްރީއޯޑާ އެމްވީގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގާ ފަރާތުން އެކި މީސްމީހުން އަތުން ފައިސާ ނެގުމަށް ފަހު، ތަކެތި ގެނެސްނުދޭ ހަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ފައިސާ ދެއްކި ފަރާތްތަކަށް އެ ފައިސާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނުދާ ކަމަށާއި އަދި އެ މައްސަލާގައި މީހަކު ވެސް ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ބުނެ އެ ޕޭޖްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް އެ ޕޭޖުން މިދިޔަ ހުކުރު ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދިމާވި މައްސަލަތަކެއްގެ ސަބަބުން މުދާ ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާތީ މައާފަށް އެދޭ ކަމަށެވެ. އަދި މިހާތަނަށް ދީފައިވާ ހުރިހާ އޯޑަރުތަކަށް ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި މުދާ ފޯރުކޮށްދޭނެ ކަމަށް އެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

މީގެ ކުރިން އެކި ކުންފުނިތަކުގެ ނަމުގައި ގުޅައި، އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ހޯދަމުންދާ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ.