12 ޖޫން 2017 - 10:53

ލަންޑަން (ޖޫން 12) – އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމުން އޮތީ ޗެލްސީގެ އަތްމަތީގައި ކަމަށް އެ ޓީމުގެ ފޯވާޑް ޑިއެގޯ ކޮސްޓާ ބުނެފި އެވެ.
ޗެލްސީ އަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކޮސްޓާގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދުނީ ޗެލްސީގެ ޕްލޭނުގައި އޭނާ ނުހިމެނޭ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނުމުންނެވެ.
"އަހަރެންގެ ކުރިމަގު އޮތް ގޮތެއް ނޭގޭ. އަހަރެންގެ އެބައޮތް ޗެލްސީއާ އެކު ކޮންޓްރެކްޓެއް. ޗެލްސީ އަށް އެނގޭނީ އަހަންނާ މެދު އެ މީހުން ކަންތައް ކުރާނެ ގޮތެއް. ކްލަބުން ނިންމާނެ ގޮތެއް ބަލަން އަހަރެން މަޑުކުރަން ޖެހޭނީ،" ކޮސްޓާ ބުންޏެވެ.
ކޮސްޓާ މިދިޔަ މަހު ބުނީ ޗެލްސީ ދޫކޮށްލާނީ ހަމައެކަނި ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ކަމަށެވެ. އެކަމަކު ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން އެތުލެޓިކޯ އަށް މި ފަހަރުގެ ޓްރާންސްފާގައި ކުޅުންތެރިއަކު ނުގެނެވޭނެ އެވެ. އެންމެ އަވަހަށް ވެސް އޭނާ އަށް އެތުލެޓިކޯ އަށް ކުޅެވޭނީ ޖެނުއަރީ ޓްރާންސްފާގަ އެވެ.
ކޮސްޓާ އަށް އިޓަލީގެ އޭސީ މިލާނުން ވެސް ޝައުގުވެރިވެ އެވެ. އޭނާ ގެންދަން ޗައިނާގެ ކްލަބަކުން މި އަހަރު މަސައްކަތްކުރި ކަމަށް އޭރު ރިޕޯޓްކޮށްފައިވެ އެވެ.
ކޮސްޓާގެ ބަދަލުގައި ޗެލްސީން ގެންނާނެ ކަމަށް ބެލެވެނީ އެވަޓަންގެ ފޯވާޑް އަދި ކުރިން އެ ޓީމަށް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އެވެ.