މައިންބަފައިން ދައްކާ މީހަކާ ނީންނާނަށް: ރަންބީރު
މައިންބަފައިން ދައްކާ މީހަކާ ނީންނާނަށް: ރަންބީރު

އެކްޓަރު ރަންބީރު ކަޕޫރު ލަންޑަނު މީހަކާ ކައިވެނިކުރުވަން ރަންބީރުގެ މަންމަ ނީތޫ ސިންގް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޚަބަރުތަކެއް މީގެ ކުރިން ފެތުރުނެވެ. އަދި ކަޕޫރު އާއިލާގެ ގާތް މީހަކު ވަނީ މިއީ ތެދު ވާހަކައެއް ކަމަށް ވެސް ބުނެފަ އެވެ.

އިންޑިއާގެ ނޫހަކަށް ރަންބީރު ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާގެ މަންމަ ދައްކާ މީހަކާ އޭނާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނެ އެވެ. އަދި ކޮންމެ ދުވަހަކުން ކައިވެނި ކުރިޔަސް އޭނާ ކައިވެނި ކުރާނީ ލޯބިވާ މީހަކާ ކަމަށް ބުންޏެވެ.

ރަންބީރަކީ އަބަދުވެސް މަންމަގެ ބަސް އަހާ ދަރިއެއް ކަމަށް އެންމެން ވެސް ބުނެ އެވެ. ނަމަވެސް ކައިވެނީގެ މައްސަލައިގައި އޭނާ މަންމަ ބުނާހާ ގޮތެއް ނުހަދާނެކަން ރަންބީރު ވަނީ ވަރަށް ސާފުބަހުން ބުނެފަ އެވެ.

ރަންބީރު މިހާރު ތައްޔާރުވަމުން އަންނަނީ ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފާ އެކު ކުޅެފައިވާ "ޖައްގާ ޖާސޫސް" ރިލީޒްކުރަން ކައިރިވަމުން އަންނާތީ އެ ފިލްމުގެ ޕްރޮމޯޝަނަށެވެ. އަނުރާގް ބާސޫ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.