14 ޖޫން 2017 - 07:52

އޭޓީއެމްތަކުން ފައިސާ ނަގަންދާ އުމުރުން ދުވަސްވީ މީހުންނަށް މަކަރުހަދައި އޮޅުވާލައިގެން އެމީހުން އަތުން ފައިސާ ފޭރެމުންދިޔަ މީހަކު 10 އަހަރު ފަހުން އަތުލައިގެންފި އެވެ. ޔޫސުފް ހުސެއިން ކިޔާ އުމުރުން 38 އަހަރުގެ މި މީހާ އަކީ އިންޑިއާގެ ހައިދަރުއާބާދަށް ނިސްބަތްވާ މީހެކެވެ.
އޭޓީއެމްތަކަށް ފައިސާ ނަގަންދާ ދުވަސްވެފައި ތިބޭ މީހުންނަށް އޭޓީއެމް އިން ފައިސާ ނެގުމުގައި އެހީތެރިވުމުގެ ނަމުގައި މި މީހާ އެމީހުންގެ ކާޑު އަތުލައި ޕިން ނަންބަރު ވެސް ޖަހައިދެ އެވެ. އަދި އޭޓީއެމްގެ މައްސަލައެއް އުޅޭކަމަށް ބުނެ އަނބުރާ އެމީހާއާ ކާޑު ހަވާލުކުރާއިރު ދެނީ އޭނާގެ ކާޑުގެ ބަދަލުގައި ފޭކް ކާޑެކެވެ. އަދި އެހެން ތަނަކަށް ގޮސް އެ އެކައުންޓަކުން ފައިސާކޮޅު ނަގަނީ އެވެ.
މިދިޔަ 10 އަހަރު ތެރޭ އޭނާ މިގޮތަށް ހޯދި ފައިސާއިން ގެއަކާއި ގިނަ އަދަދެއްގެ ރަން ގަހަނާ ގަނެފައިވެ އެވެ. މިދިޔަ އާދިއްތަ ދުވަހު މި މީހާ އަތުލައިގަނެވުނުއިރު ވެސް އޭނާގެ އަތުގައި 4.20 ލައްކަ އިންޑިއަން ރުޕީސް އާއި 40،000 ރުޕީސް އަށް ދޭ އަގުބޮޑު މޯބައިލް ފޯނެއް އޮތެވެ. އަދި މިމީހާގެ އަތުން 27 އަށް ވުރެ ގިނަ އޭޓީއެމް ކާޑު ވެސް ވަނީ ހޯދާފަ އެވެ.
އެމީހާ އަތުލައިގަތުމަށް ފަހު އެ ސަރަހައްދުގެ ޕޮލިސް ކޮމިޝަނަރު ސުދީރް ބާބޫ ނޫސްވެރިންނަށް ވިދާޅުވީ މި މީހާ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް މަކަރު ހަދައި އެމީހުންގެ އެކައުންޓްގައި ހުރި ފައިސާ ފޭރިގަނެފައިވާ ކަމަށެވެ.
ހުސެއިންގެ ދެ އަނބިން ތިބިއިރު ހަތަރު ކުދިން ލިބިފައިވެ އެވެ. އޭނާ 1990 ގެ ކުރީކޮޅު ސައޫދީ އަރަބިޔާއަށް މަސައްކަތްކުރަން ދިޔަ އެވެ. އެނބުރި އައިސް އުޅުނީ ފާޚާނާއަށް ޖެހޭ މައްސަލަތައް ހައްލުކުރާ މީހެއްގެ ވަޒީފާގަ އެވެ.