15 ޖޫން 2017 - 14:10

ވޮޝިންޓަން (ޖޫން 15) - އެފް-15 ގެ ހަނގުރާމަ މަތީ މަތިންދާ ބޯޓު ވިއްކުމުގެ 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެމެރިކާ އާއި ގަތަރުން ގާއިމްކޮށްފި އެވެ.
ގަތަރުގެ ރަސްމީ ނޫސް އެޖެންސީން ބުނީ މި އެއްބަސްވުން ގާއިމްކޮށްފައި ވަނީ ގަތަރުގެ ދިފާއީ ވަޒީރު ޚާލިދު އަލް އަތިޔާ އާއި އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް އިއްޔެ ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
އަތިޔާ ވިދާޅުވީ މި އެއްބަސްވުމުން އަންގައިދެނީ އެމެރިކާއާ އެކު އޮތް ގާތް ގުޅުމުގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކޮށް ސަރަހައްދުގެ ހަމަޖެހުން ގާއިމް ކުރުމަށް ގަތަރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރަން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ ގަތަރަށް ވިއްކާ ހަނގުރާމަ މަތީ ޖެޓްތަކުގެ ސަބަބުން އެ ގައުމުގެ ގާބިލްކަން އިތުރު ކުރެވި އެ ދެ ގައުމުގެ މެދުގައި އަސްކަރީ އެއްބާރުލުން އިތުރު ކުރެވޭނެ ކަމަށެވެ.
ގަތަރަށް ވިއްކާ ޖެޓްތަކުގެ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 12 ބިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު އެމެރިކާ އިން ދާދި ފަހުން ވަނީ ސައުދީ އަށް ހަތިޔާރު ވިއްކަން 110 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.
އެމެރިކާ އިން ގަތަރަށް ހަތިޔާރު ވިއްކާ އިރު މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަތަރުން ޓެރަރިޒަމަށް ފައިސާ ހޭދަކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާ އާއި ގަތަރުން ހަތިޔާރުގެ އެއްބަސްވުމެއް ގާއިމްކުރި އިރު ވަނީ އަސްކަރީ ތަމްރީނުތަކަކަށް އެމެރިކާގެ ދެ މަނަވަރު ގަތަރަށް ގޮހެވެ. މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ގާއިމްކޮށްފައި ވަނީ ގަތަރުގަ އެވެ. ގަތަރުގެ އަލް އުދައިދު ވައިގެ މަރުކަޒުގައި އެމެރިކާގެ 11،000 ސިފައިން ތިބެ އެވެ. އަދި އެ ތަނުން 100 އަށް ވުރެ ގިނަ މަތިންދާ ބޯޓު އޮޕަރޭޓް ކުރެ އެވެ.