16 ޖޫން 2017 - 14:07

ލިސްބަން (ޖޫން 16) – ޓެކްސް އަށް މަކަރު ހެދި ކަމަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ރެއާލް މެޑްރިޑް ދޫކޮށްލަން ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި ކަމަށް ޕޯޗުގަލްގެ އަ ބޯލާ ނޫހުން ރިޕޯޓްކޮށްފި އެވެ.
މެޑްރިޑްގައި ހުންނަ ޕްރޮސެކިއުޓަރުންގެ އޮފީހުން ވަނީ ޓެކްސް އަށް މަކަރުހަދާފައިވާ ކަމަށް ބުނެ ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަން މައްސަލަ ހުށަހަޅައިފަ އެވެ. ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަނީ 2011 އިން 2014 އާ ދެމެދު 14.7 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ.
ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސްގެ ކުންފުނި ގެސްޓިފިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮނާލްޑޯ އަކީ ގަވާއިދުން ޓެކްސް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑުން ވެސް ވަނީ ރޮނާލްޑޯގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ.
އެކަމަކު އަ ބޯލާ ނޫހުން ބުނާ ގޮތުގައި ރޮނާލްޑޯ ހުރީ މި މައްސަލައިގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސްޕެއިން ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން ދެން ބަދަލުނުވާނެ ކަމަށާއި އެކަން އޭނާ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ވެސް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.
ރެއާލް މެޑްރިޑް ދޫކޮށްލައިފި ނަމަ ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ނުވަތަ ފްރާންސުގެ ޕީއެސްޖީން ކަމަށް ބެލެވެ އެވެ. ޔުނައިޓެޑަށް އޭނާގެ ހިތުން ހާއްސަ ޖާގައެއް ދީފައިވާއިރު މާލީ ގޮތުން ބަލާއިރު އޭނާ ގެނައުމުގެ ފުރުސަތު ޔޫރަޕުން އެންމެ ބޮޑު އެއް އެ ކްލަބަކީ ޕީއެސްޖީ އެވެ. މީގެ އިތުރުން ރޮނާލްޑޯ އަށް ދާދި ފަހުން ބޮޑު އަގެއް ހުށަހެޅި ޗައިނާ ލީގަކީ ވެސް އޮޕްޝަނެކެވެ. އެކަމަކު އުމުރުން 32 އަހަރުގައި އޭނާ ޔޫރަޕް ދޫކޮށްލަފާނެ ކަމަށް ނުބެލެވެ އެވެ.
ރޮނާލްޑޯ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް 2009 ވަނަ އަހަރު މެޑްރިޑާ ގުޅި އެ ޓީމަށް ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދީ ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.
ރޮނާލްޑޯ އަށް ވަނީ މިދިޔަ އަހަރު މުސާރަ އާއި ސްޕޮންސަޝިޕް އެއްބަސްވުމުގެ ގޮތުގައި 72 މިލިއަން ޕައުންޑްގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި އޭނާ އަކީ ފޯބްސް މެގަޒިން އިން ހޮވި ފާއިތުވި ދެ އަހަރުގެ އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ކުޅިވަރު ކުޅުންތެރިއާ އެވެ.