22 ޖޫން 2016 - 12:15

ބޯޑޯ، ފްރާންސް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އަތުން 2-1 އިން މޮޅުވުމަކީ އަދި ފެށުމެއް ކަމަށާއި މުބާރާތުގައި ވަރުގަދަ ކުޅުމެއް އަދި ދައްކާނެ ކަމަށް ކްރޮއޭޝިއާގެ ކޯޗު އަންޓެ ސަސިޗް އަދި މިޑްފީލްޑަރު އިވާން ޕެރިސިޗް ބުނެފި އެވެ.
ފަހަތުން އަރައި 2-1 އިން ސްޕެއިން އަތުން ހޯދި މޮޅާ އެކު ކްރޮއޭޝިއާ ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ.
"މުޅި ޓީމާއި ސަޕޯޓަރުން ވެގެން ހޯދި ކާމިޔާބެއް މިއީ. ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އަހަރެމެން ދެކެނީ. އެކަމަކު މިއީ އަދި ފެށުމެއް. މިވަރުގެ ކާމިޔާބެއް ހޯދުމަށް ފަހު، ޖެހިގެން އަންނަ މެޗުން ބަލިވެއްޖެ ނަމަ އަހަރެމެން ކުރި އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމާ އެބަޖެހޭ ކުރިއަށް އޮތް މެޗަށް ވަރަށް ބޮޑަށް ސަމާލުވާން،" ޕެރިސިޗް ބުންޏެވެ.
އޭނާ ބުނީ އަމާޒަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުން ކަމަށެވެ. ޑާވޯ ސޫކާގެ މޮޅު ކުޅުމާ އެކު އެ ފަހަރު ކްރޮއޭޝިއާ މުބާރާތުގެ ތިން ވަނަ ހޯދި އެވެ.
ކޯޗު ސަސިޗް ބުނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން އަތުން މޮޅުވުމަކީ ކްރޮއޭޝިއާ އަށް ވަރަށް ހާއްސަ އަދި ބޮޑު މޮޅެއް ކަމަށެވެ.
"ވަރަށް ވަރުގަދަ ޓީމެއްގެ އަތުން މި މޮޅުވީ. އެކަމަކު ކުރީ ދެ މެޗުގައި ވެސް އަހަރެމެން ވަރަށް މޮޅަށް ކުޅުނިން. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އަމިއްލަ ގޭމް ކުޅެ އަހަރެމެން ކާމިޔާބު ހޯދާނަން. ހާއްސަކޮށް ސްޕެއިން އަތުން މޮޅުވުމުން ލިބުނު އިތުބާރަކީ ކުރިއަށް ދިއުމަށް ހިތްވަރެއް،" އޭނާ ބުންޏެވެ.
ސަސިޗް ބުނީ ގްރޫޕުގެ އެއް ވަނަ ހޯދުމުން ދެ ވަނަ ބުރުގައި އެއްގޮތަކުން ފަސޭހަ ވާނެ ކަމަށާއި އެކަމަކު އެއީ ނޮކްއައުޓް ބުރަކަށް ވުމުން އެއްވެސް މެޗެއް ފަސޭހަ ވެދާނެ ކަމަށް ނުވިސްނާނެ ކަމަށެވެ.