18 މެއި 2016 - 12:26

މި ފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ބަލިވި ހިސާބުން ޓީސީ ސްޕޯޓްސް ކުޅުންތެރިން އަމާޒު ހިފާފައިވަނީ މިދިޔަ އަހަރު އެ ޓީމުން ދެއްކި ކުޅުމާއި ނެރުނު ހިތްވަރު އަލުން ނެރުމަށް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.

ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން އީގަލްސް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ނަމަވެސް ދެ ވަނަ މެޗުން އެ ޓީމު ވަނީ 4-1 އިން ވިކްޓަރީގެ މައްޗަށް ކުރިހޯދައިފަ އެވެ. ލީގުގައި މިއަދު ހަވީރު އެ ޓީމު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
ނިޒާމް ބުނީ ޔުނައިޓެޑް ވިކްޓަރީ އަކީ ލީގަށް އާ ޓީމެއް ނަމަވެސް ލީގުގައި މިހާތަނަށް އެ ޓީމު ދައްކަމުން އައި ކުޅުމަށް ބަލާއިރު މި މެޗު ފަސޭހަނުވާނެ ކަމަށެވެ.
"ޔުނައިޓެޑް ވިކްޓަރީ ކުޅޭނީ ޕްރެޝަރެއް ނެތި. އެއީ އެ ޓީމަށް ގެއްލޭނެ އެއްޗެއް އަދި ނެތް. އެހެންވުމުން ކުޅެން ވެސް ފަސޭހަވާނެ. ޓީސީން ދެކޭނީ ޔުނައިޓެޑް ވިކްޓަރީ އަކީ ވެސް ޕްރިމިއާ ޑިވިޝަން ޓީމެއްގެ ގޮތުގައި. އާ ޓީމެއް ކަމަށް ދެކިގެން ފަސޭހަކޮށްލަން ބޭނުމެއް ނޫން،" ނިޒާމް ބުންޏެވެ.
ލީގުގައި އެންމެ ފަހުން ޓީސީ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމް ބުނީ އެ މެޗުގައި އަލީ ފާސިރު (ސެންޓޭ)ގެ މޮޅު ކުޅުން ފެންނާނެ ކަމަށެވެ. ސެންޓޭ ވަނީ ވިކްޓަރީ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނިޒާމް ބުނީ މިދިޔަ ސީޒަނުގައި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނާއިޒު ހަސަން (ދާދު) މި މެޗުގައި ވިދާލާނެ ކަމަށެވެ.
"އަޅުގަނޑުމެން ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ދާދުގެ ލަނޑެއް ނުފެނި އަދި މިދަނީ އިރާދަކުރެއްވިއްޔާ ޔުނައިޓެޑް ވިކްޓަރީ މެޗަކީ ދާދުގެ ލަނޑެއް ފެންނާނެ މެޗަކަށްވާނެ. ދާދުގެ މޮޅު ކުޅުން އަލުން ގެންނަން މިހާރު އޭނާ ބޭނުންވަނީ ލަނޑެއް،" ނިޒާމް ބުންޏެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ދެ މެޗުން ލިިބިފައިވަނީ ތިން ޕޮއިންޓެެވެ. މިއަދު ހަވީރުގެ މެޗުން މޮޅުވާ ޓީމަކަށް ލީގުގެ ދެ ވަނަ ލިބޭނެ އެވެ.