22 ޖޫން 2016 - 15:38

އިސްލާމީ ޝަރީއަތާ ޚިލާފަށް ހުކުމް ކުރާ ނަމަ އެ ކަމުގެ ޖަޒާ މާތްﷲ ދެއްވާނެ ކަމަށް، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ، ހުސައިން ހުމާމް، އޭނާގެ އިސްތިއުނާފްގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ އަވަހާރަ ކޮށްލި މައްސަލައިގައި ހުމާމް މެރުމަށް ކުރި ހުކުމްގެ އިސްތިއުނާފްގެ ޝަރީއަތުގައި މިއަދު ބޭއްވި ފަހު އަޑުއެހުމުގައި ހުމާމް އެގޮތަށް ބުނީ އަޑުއެހުންތައް ނިންމާލުމުގެ ކުރިން ފަހު ބަސް ބުނުމަށް ފަނޑިޔާރުންގެ ބެންޗުން ހުމާމަށް ދިން ފުރުސަތުގަ އެވެ.
ފަނޑިޔާރުންނާ މުޚާތަބު ކުރައްވައި، ވާހަކަ ދައްކަވަމުން ހުމާމް ބުނީ އިސްލާމީ ޝަރީއަތާ ޚިލާފަށް ހުކުމް ކުރާ ނަމަ އެކަމުގެ ޖަޒާ މާތް ﷲ ދެއްވާނެ ކަމަށާއި ރަސޫލާ ވެސް އެގޮތަށް ހަދީޘް ކުރައްވާފައިވާ ކަމަށެވެ. އަދި ހައްދުގެ ކުށްތައް ސާބިތުވާނީ މަންޒަރު ލޮލުން ދުށް ދެ މީހުންގެ ހެކިބަހުން ނުވަތަ ޚަތިމުގައި އަތްލައި، ހުވާކޮށްގެން ބުނާ ވާހަކަތަކުން ކަމަށް ޝައިހް އަލްބާނީ ވިދާޅުވެފައިވާ ކަމަށް ވެސް ހުމާމް ބުންޏެވެ.
ހުމާމްގެ އެ ވާހަކަތަކާ ގުޅިގެން، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރުމުން އެ ހުކުމުގެ ސައްހަ ކަން ކަށަވަރުކުރުމަށް އެ ކޯޓަށް މައްސަަލަ ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓަކީ އިސްތިއުނާފް އެންމެ ފަހު މަރުހަލާ ކަމަށްވާތީ މިއީ މަރުގެ އަދަބުން ސަލާމަތްވާން ޝަރުއީ މަރުހަލާގެ ތެރެ އިން ހުމާމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. ހުމާމްގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އޭނާ މަރުގެ އަދަބުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އަފްރާޝީމްގެ ވާރިސުން އޭނާ އަށް މައާފް ކުރުމެވެ.