ރޯމާގެ ސަލާ ލިވަޕޫލަށް ސޮއިކޮށްފި
ރޯމާގެ ސަލާ ލިވަޕޫލަށް ސޮއިކޮށްފި

ލިވަޕޫލް (ޖޫން 23) - އިޓަލީގެ ރޯމާގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ހަލުވި މިޑްފީލްޑަރު މުހައްމަދު ސަލާ 34 މިިލިއަން ޕައުންޑުގެ އަގަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ސޮއިކޮށްފި އެވެ.

ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ސަލާ އެ ޓީމާ ގުޅޭނެ ކަމަށް ބެލެވުނު ނަމަވެސް ޓްރާންސްފާ ފީއަށް ބަލާއިރު އަދިވެސް ލިވަޕޫލުން އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިއަކީ 2011 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑަށް 35 މިލިއަން ޕައުންޑް ދިނުމަށް ފަހު ގަތް އިނގިރޭސި ފޯވާޑް އެންޑީ ކެރޯލް އެވެ.

ސަލާގެ ފުރަތަމަ ސީޒަނުގައި އޭނާ ދައްކާ ކުޅުމަށް ބަލާފައި ރޯމާ އަށް އިތުރު ހަތަރު މިލިއަން ޕައުންޑް ދޭން ލިވަޕޫލުން ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން ސަލާގެ އަގު 39 މިލިއަން ޕައުންޑަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އުމުރުން 25 އަހަރުގެ ސަލާ ލިވަޕޫލަށް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސަލާ ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ވެސް ލިވަޕޫލަށް ބަދަލުވުމާ ގާތަށް ޖެހިލައިފަ އެވެ. އެ ފަހަރު ބާސެލްގައި ހުރެފައި ލިވަޕޫލާ އެކު މަޝްވަރާތަކެއް ކުރި ނަމަވެސް ސަލާ ބަދަލުވީ ވާދަވެރި ޗެލްސީ އަށެވެ.

ސަލާ ބޭނުންކުރަނީ ލިވަޕޫލްގެ 11 ނަމްބަރެވެ. އެ ނަމްބަރު ކުރިން ބޭނުންކުރަމުން އައި ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ އަންނަ ސީޒަނުގައި ބޭނުންކުރަނީ ނުވަ ނަންބަރެވެ.

މިދިޔަ ސީޒަނުގައި ރޯމާ އިން އިޓާލިއަން ލީގުގެ ދެ ވަނަ ހޯދިއިރު ސަލާ ވަނީ 15 ގޯލް ޖަހައިފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާ އަކީ ލިވަޕޫލަށް ތަފާތެއް ގެނެވޭނެ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެމެންގެ ޓީމަށް ބޭނުންވާ ހުރިހާ ހުނަރެއް ސަލާގެ އެބަހުރި. އަހަރެން ކުރިން ވެސް ޝައުގުވެރިވާ ކުޅުންތެރިއެއް ސަލާ އަކީ. އެކަމަކު އޭނާ އަށް ކޯޗުކޮށްދިނުމުގެ ފުރުސަތު މި ލިބުނީ ފަހުން. ސަލާ ބޭނުންވާ ކާމިޔާބިތައް ލިވަޕޫލްގައި ހާސިލްކުރެވޭނެ،" ކްލޮޕް ބުންޏެވެ.

ސަލާ އަކީ މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލާ ގުޅުނު ދެ ވަނަ ކުޅުންތެރިއާ އެވެ. ލިވަޕޫލުން ވަނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންގްލެންޑުން ކާމިޔާބުކުރިއިރު އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކޭ ގެންނަންް ވެސް އެއްބަސްވުމަކަށް އައިސްފަ އެވެ.

މީގެ އިތުރުން ޓީމު ވަރުގަދަ ކުރުމަށް ލިވަޕޫލުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ނަޕޯލީގެ ވާތުބެކް ފައުޒީ ގޫލަމް އާއި އާރްބީ ލިޕްޒިގުގެ މިޑްފީލްޑަރު ނަބީ ކެއިޓާ ހިމެނެ އެވެ.