23 ޖޫން 2016 - 07:53

(ޖޫން 21 ގެ ބަޔާ ގުޅޭ)
ސާދިޔާގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރީ ބައްޕަ އާއި މަންމަގެ އަނިޔާވެރިކަމުގަ އެވެ. ހއ. ފިއްލަދޫގެ ފަގީރު އާއިލާއެކެވެ. އޭނާ އަކީ އެންމެ ދޮށީ ކުއްޖާ އެވެ. އޭނާ އަށް ފަހު ފުލުފުލުގައި ހަ ކުދިން ލިބުނެވެ. މަންމަ އާއި ބައްޕަ އަށް ދަރިން ދެކެ ލޯބިވާކަށް ނޭނގުނެވެ. ދެ މީހުންގެ މެދުގައި ހިތްހަމަނުޖެހޭ ކަމެއް ވިޔަސް ތަޅައިގަންނަނީ ކުދިންގެ ގައިގަ އެވެ.
މާ ބޮޑު ތައުލީމެއް ނުލިބުނެވެ. ކިޔެވީ ގްރޭޑް ހަތަކާ ހަމަޔަށެވެ. އެކަން ވެސް އޭނާ ކުރީ އެހެން މީހުންގެ އެހީތެރިކަމުގަ އެވެ.
ކަރަންޓާއި އަސާސީ އެހެން ގިނަ ޚިދުމަތްތައް ވެސް ރަށުން ލިބޭކަށް ނުހުރެ އެވެ. ހަމައެކަނި ތަފާތަކީ އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށަށް ވުމެވެ. އެކަމަކު އޭގެ ފައިދާއެއް ރަށު ރައްޔިތުންނަކަށް ނެތެވެ. ސާދިޔާ އާއި ރަށުގެ ހުރިހާ ކުދިންހެން ތަހައްމަލްކުރަމުން އައީ ޒަމާނީ ތަރައްގީއާ ދުރު ދިރިއުޅުމެކެވެ.
ދުނިޔޭގައި މީހުން އުފަލުން އުޅޭ ކަން ސާދިޔާ އަށް އެނގެން ފެށީ ސްކޫލުން ވަކިވުމަށް ފަހު ކަމެއް ނެތި އުޅުނު ދުވަސްވަރު ދިމާވި ފިރިހެނުންގެ ސަބަބުންނެވެ. ރިސޯޓާއި މާލޭގައި ވަޒީފާ އަދާކުރާ ރަށުގެ ބައެއް ފިރިހެން ކުދިން ޗުއްޓީގައި ރަށަށް އަންނަ އިރު ސާދިޔާ އަކީ ގިނަ ބައެއްގެ ހޮވުމަކަށް ވި އެވެ. އޭނާގެ ދިގު އިސްކޮޅާއި ރީތި ހަށިގަނޑާއި ހިތްގައިމު މޫނެވެ. އެއީ ބޭރު ފުށުން އެހެން މީހުންނަށް ފެނުނު ޖާދުލެއް ކަހަލަ ސިފަތަކެވެ. އެކަމަކު އެތެރޭގައި އޮތް ހިތުގައި އުފެދުމުން ދިޔައީ މުޅިން އެހެން އެދުންތަކެކެވެ.
އޭނާ ފުރަތަމަ ވެސް އަޒުމް ކަނޑައެޅި އެވެ؛ ކޮންމެ ކޮންމެ މީހަކަށް މަށެއް އަތެއް ނުވާނެ އެވެ.
އެކަން ދިޔައީ އެ މަގުންނެވެ. ސާދިޔާއާ ރައްޓެހިވުމަކީ އޭނާ މިލްކުވުމެއް ނޫނެވެ. ކޮންމެ މީހަކު ވެސް ސާދިޔާގެ ލޯބިވެރިޔަކަށް ވަނީ މޮޔަވެފައިވާ ހާލަތެއްގަ އެވެ. އެކަމަކު ދެން ފެންނަނީ އޭނާގެ މަކަރުވެރިކަމެވެ. ސާދިޔާ އަށް އެއިން އެއްވެސް ކަމެއް މައްސަލައަކަށް ނުވެ އެވެ. އެހެން މީހަކު އަޅާ ކަރުނަޔަކުން އޭނާގެ ހިތަށް ކުރާ އަސަރެއް ނޯވެ އެވެ. އެހެން ބަޔަކު ދައްކާ ވާހަކައަކަށް އޭނާ ފަރުވާލެއް ނުބަހައްޓަ އެވެ. އޭނާ ކުޑައިރު ރުއިރުއިންތައް އަޑުއެހި މީހަކު ނެތެވެ. އޭނާ އަށް އޭރު ލިބުނު ލޯތްބެއް ވެސް ނެތެވެ.
ސާދިޔާގެ އިންސާފު ދިޔައީ އެ މަގުންނެވެ. އެ މަގުގައި ވެސް ކޮޅެއް އޮންނާނެކަން އޭނާގެ ވިސްނުމަކަށް ނާދެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައި ވެސް އޭނާ ކަޅި އަޅަމުން ދިޔައީ ހަމައެކަނި އޭނާގެ އުފަލަކަށް ހެދޭނެ ކަމެއް ހާސިލްކުރާށެވެ.
ދެން އައީ މާލެ އެވެ. މައިންބަފައިން މުޅި އުމުރަށް ދޫކޮށްލީ އެވެ. ކޮއްކޮމެންނާ ގުޅުން ކަނޑާލީ އެވެ. އޭނާ އުޅޭ ތަނެއް ނުބުނެ އެވެ. ދިރިއުޅުމަށް ގެންނަ ކޮންމެ ބަދަލަކަށް ސާދިޔާ ކުރިމަތިލީ ކެރިގެންނެވެ. މާލެ އައީ ރަށަށް ދިޔަ މާލޭ އާއިލާއެއްގެ ފަހަތުންނެވެ. އެގޭގައި ދުވަސްކޮޅަކު އުޅެ، މާލެ އަށް ހޭނުމާ އެކު ދެން ޚިޔާރުކުރީ އެހެން ގޮތެކެވެ. ދިމާވި ރައްޓެއްސަކާ އެކު ކޮޓަރިއެއް ކުއްޔަށް ހިފައިގެން މިނިވަންކަމާ އެކު އުޅެން ފެށި އެވެ.
ސާދިޔާގެ މަކަރުވެރި، އަމިއްލަ އެދުން ނޫން އެހެން ކަމަކަށް ޖާގައެއް ނެތް ދިރިއުޅުމުގެ ތެރެއަށް އަހުމަދު ޝިޔާމަށް ވަދެވުނީ ކުއްލިއަކަށް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ފެނި، ކޮންމެ ދުވަހަކު ވާހަކަ ދައްކާ ހެދުމުގެ ތެރެއިން އުފެދުނު ގުޅުމެކެވެ. އެއީ ޝިޔާމްގެ އެކަނިވެރި، ލޯތްބެއް ނެތް، ހަޔާތުން ފުރުސަތު ދޭން އޭނާގެ ހިތް މަޖުބޫރުކުރުވި ބާރެކެވެ.
ކޮންމެ ކަމަކަށް ވެސް ސަބަބެއް އޮވެ އެވެ. ސާދިޔާ އަށް ޝިޔާމްގެ ޔަގީންކަމާއި އިތުބާރު ދެވުނީ ވެސް ސަބަބެއް އޮވެގެންނެވެ؛ ހައިދަރެވެ.
ފިރުކެން ފެށުމާ އެކު ހައިދަރުގެ ކިބައިން މައްސަލައެއް ފާހަގަވި އެވެ. އޭނާ އަށް ކޮޅަކަށް ނުހުރެވެ އެވެ. ވެއްޓެނީ އެވެ. ސިންގަޕޫރުން ފަރުވާ ހޯދި އެވެ. ތައިލެންޑްގެ އެކި ހޮސްޕިޓަލްތަކަށް ދެއްކި އެވެ. އެންމެ ފަހުން ޝިޔާމަށް ޖެހުނީ ފަރުވާއެއް ނެތް ބައްޔެއްކަން ގަބޫލުކޮށް، ދަރިފުޅު ބަލާށެވެ. އެކަމަކު އެއީ އޭނާގެ އަންހެނުންނަށް ފަސޭހަ ކަމަކަށް ނުވި އެވެ. ހައިދަރަށް ތިން އަހަރު ވީ ތަނުން ޝިޔާމްގެ ކައިރިން ވަރިވެގެން އެ ދިޔަ ގޮތަކަށް ނުފެނެ އެވެ. އޭނާ ވީ ތަނެއް ބަލާކަށް ޝިޔާމެއް ވެސް ނޫޅެ އެވެ.
މާލޭގައި ޝިޔާމްގެ 15 ފިހާރަ ހުރެ އެވެ. އޭނާގެ ބައްޕަ އާއި މަންމަގެ އެހެން ދަރިޔަކު ނެތެވެ. އެހެންކަމުން ދެ މީހުންގެ ދެ ގެ ވެސް ލިބުނީ ޝިޔާމަށެވެ. އޭނާ އެ ދެ ގޯތީގައި 10 ބުރީގެ ދެ އިމާރާތް ހެދި އެވެ. އެތަނުން އެއް އިމާރާތުގެ ފުރަތަމަ ދެ ބުރި ޚާއްސަކުރީ ހަމައެކަނި އޭނާ އާއި ހައިދަރަށެވެ.
ސްކޫލަށް ގޮސް ނޫޅެވޭވަރުގެ ބަލި ކުއްޖަކަށް ވުމުން ހައިދަރުގެ ވަގުތުތައް ހޭދަކުރީ ގޭތެރޭގަ އެވެ. އުމުރުން ފަސް އަހަރުގައި ހައިދަރު ބަލަހައްޓަން ފެށީ ފިލިޕީންސްގެ ނަރުހެކެވެ. ޝިޔާމްގެ ވިޔަފާރީގެ ހުރިހާ ކަމެއް ހިންގީ ގޭގައި އޮފީހެއް ހަދައި އެތަނުގައި އިނދެގެންނެވެ. ބައްޕަ އާއި ދަރިފުޅުގެ ލޯބި ނޫން އެހެން ކަމެއް އެ ގޭތެރެއަކު ނެތެވެ.
ސާދިޔާ އެ އޮފީހަށް ވަނީ ރިސެޕްޝަނިސްޓަކަށެވެ. އެކަމަކު އޭނާ އެންމެ ފަހުން އަތުލީ ޝިޔާމްގެ ހިތެވެ. އޭނާ އަށް ވުރެ ޝިޔާމް 10 އަހަރު ދޮއްޓެވެ. އުމުރުގެ ތަފާތަކީ ސާދިޔާ އަށް މައްސަލައެއް ނޫނެވެ. އެހެންކަމުން އޭނާ ފަތުރާލި ދަލުން ޝިޔާމަށް ސަލާމަތެއް ނުވެވުނެވެ.
ރިސެޕްޝަން ދޫކޮށް ސީދާ ޝިޔާމްގެ ކަންކަން ބަލަހައްޓަން ހަވާލުކުރި އެވެ. ބައެއް ދަތުރުތަކުގައި ރާއްޖެ އިން ބޭރަށް ގެންދަން ފެށި އެވެ. ގެއަށް ވަނުމުގެ ހުއްދަދީ، ހައިދަރާ ބައްދަލުކުރުވި އެވެ. ހައިދަރު ދެކެ އިންތިހާ އަށް ލޯބިވާކަން ސާދިޔާ ދެއްކި އެވެ. ހައިދަރު ފެންވަރުވައި، ރީތިކޮށްދޭ ފަހަރު ފަހަރު ވެސް ގިނަވާން ފެށި އެވެ. ފިލިޕީންސްގެ ނަރުސް ޗުއްޓީއަކަށް ދިއުމުން ހައިދަރުގެ ހުރިހާ ކަމެއް ބެލެހެއްޓީ ސާދިޔާ އެވެ.
ޝިޔާމަށް ފެނުނީ މުޅިން ވެސް ލޯތްބާއި އަޅާލުމެވެ. ބައެއް ފަހަރު ހައިދަރު ފެންވަރުވައިގެން ފާހާނާ އިން ނެރެ ރީތިކުރާ ތަން ފެނިފައި ޝިޔާމް ކޮޓަރިން ނުކުމެ ދުރުގައި ހުރެ ރޮ އެވެ. އޭނާގެ ކުރީގެ އަނބިމީހާގެ ފަރާތުން އޭނާ ބޭނުންވީ އެ ލޯތްބެވެ. ދަރިފުޅަށް އެ އަޅާލުން ލިބުމެވެ. އެކަހަލަ ފަރުވާތެރިކަމެކެވެ. އަގަކާ ނުލައި އެކަން ކޮށްދޭ އަންހެނަކު ފެނުމުން ޝިޔާމަށް ޔަގީންވީ އޭނާގެ ދިރިއުޅުން ވެސް ބަދަލުވުމުގެ ކޮޅުމަތި ދައްކާލީ ކަމަށެވެ.
އޮފީހުގެ ވަޒީފާ އިން ވަކިކޮށް ހައިދަރުގެ ކަންކަން ބެލެހެއްޓުން ސާދިޔާއާ ހަވާލުކުރި އެވެ. ފިލިޕީންސްގެ ނަރުސް ފޮނުވާލި އެވެ. ގޭގެ އިސް މީހަކަށް އެންމެ ފަހުން ވީ ސާދިޔާ އެވެ.
އެއީ އިއްތިފާގެއް ނޫނެވެ. އެއީ ސާދިޔާގެ ޕްލޭނެވެ.
އޮފީހަށް ވަދެ، ޝިޔާމަކީ ކާކުކަން އެނގުމާ އެކު ސާދިޔާގެ ސިކުނޑީގައި އުތުރިއެރީ އޭނާގެ ހަޔާތުގެ އެ ދުވަހަށް ކުރި އިންތިޒާރުގެ އިހުސާސްތަކެވެ. އޭނާ ބޭނުންވާ ކަހަލަ މީހަކު އަދި ކިރިޔާ ލިބުނީ އެވެ. އެކަނި ހުރި ބައްޕައެކެވެ. މުއްސަނދި އެކަމަކު ހިތް ބަލި ފިރިހެނެކެވެ.
ޝިޔާމަށް ކައިރިވެވުނީ ވަކިނުވެވޭ ވަރަށެވެ. އެންމެ ފަހުން ކައިވެނިކުރި އެވެ. ދަރިފުޅަށް ރަނގަޅު ދޮންމަންމައެއް ހޯދައިދެވުމުގެ އުފާވެރިކަމުގައި އޭނާ ހުރީ އެހެން ދުނިޔެއެއްގަ އެވެ. އެކަމަކު ބިރުގަންނަން ޖެހުނު އެއް ކަމެއް އޮތެވެ؛ އެއީ ސިއްރެކެވެ. އެއީ އޭނާގެ ދަރިފުޅަށްޓަކައި ވީ ގުރުބާނީއެކެވެ. އެއީ ކުރީގެ އަނބިމީހާ ހެދި ގޮތުން ފޫހިވެގެން އޭނާ އެޅި ފިޔަވަޅެކެވެ. އެއީ އެއްގޮތަކަށް ވެސް ވިސްނާލުމެއް ނެތި ކުރެވުނު ކަމެއް ކަން އެނގުނީ ސާދިޔާގެ ލޯބީގައި ޖެހުނު ފަހުންނެވެ.
ދަރިން ނުލިބޭ އޮޕަރޭޝަން ކޮށްފައި ހުރި ކަން ޝިޔާމް ބުނީ ރޮމުންނެވެ. އޭނާ އަށް ރޮވުނީ ސާދިޔާ ކަހަލަ ރަނގަޅު އަންބަކު ލިބުނަސް އިތުރު ދަރިއެއް ހޯދުމުގެ ފުރުސަތު ގެއްލުމުންނެވެ. ފިރިމީހާގެ ގައިގައި ބައްދާލާފައި، ލޮލުން ކަރުނަ ފޮހެލުމަށް ފަހު ސާދިޔާ ބުނީ "ހައިދަރަކީ އަހަރެމެންގެ ދަރިފުޅު" ކަމަށެވެ. އެހާ މަޑުމައިތިރިކޮށް އަދި އެހާ ލޯބިކޮށް އެހެން ބުނުމުން ޝިޔާމަށް އަދި މާ ބޮޑަށް ރޮއިގަނެވުނީ އެވެ. ސާދިޔާގެ ގައިގައި ބައްދާލައިގެން އެތައް އިރެއް ވަންދެން އޭނާ އަށް ހުރެވުނެވެ. ފިރިމީހާ ދުރަށް ޖައްސާލާކަށް ސާދިޔާ ނޫޅެ އެވެ.
އެއީ އޭނާ ބޭނުންވި ކަހަލަ ފިރިއެކެވެ. އެއީ އޭނާ ހޯދަމުން އައި ކަހަލަ ބައިވެރިއެކެވެ. ދަރިއަކު ނުލިބުނަސް އޭނާ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ފިރިމީހާގެ އަތުގައި ހުރީ ފައިސާ އާއި ގެދޮރެވެ.
ސާދިޔާ އެދެމުން ދިޔައީ ވެސް އެ އެއްޗިއްސަށެވެ. (ނުނިމޭ)