24 ޖޫން 2017 - 19:45

އެންމެ 10 ދުވަހުގެ ތެރޭގައި ކުރަން ޖެހޭނެ ކަމަށް އަރަބި ހަތަރު ގައުމަކުން ގަތަރަށް ކުރިމަތިކުރުވި 13 ޝަރުތު ގަބޫލުނުކުރާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ސައުދީ އަރަބިއްޔާ އާއި މިސްރާއި ޔޫއޭއީ އަދި ބަހުރެއިނުން ވަނީ ގަތަރާ ސިޔާސީ ގޮތުން ގުޅުން ކަނޑާލައި، ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. އެ ފިޔަވަޅުތައް ނެގޭނެ ގޮތަކީ 13 ޝަރުތާ އެއްގޮތަށް އަމަލްކުރުން ކަމަށް، އެ ގައުމުތަކުން ބުނެ އެވެ.
ޓެރަރިޒަމް އަށް ހޭދަކުރާ ކަމާއި ސަރަހައްދުގެ އަމާންކަން ނަގާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ގަތަރާ ދެކޮޅަށް ފިޔަވަޅުތައް އެޅިޔަސް، ގަތަރުން މިއަދު ބުނީ ކުރިމަތިކުރުވި 13 ޝަރުތަށް ބަލާއިރު، އެ ގައުމުތަކުން ދެއްކި ބަހަނާތައް ގޯސް ކަމަށެވެ.
ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިހު މުހައްމަދު ބިން އަބްދުއްރަހުމާން އަލް ތާނީއާ ހަވާލާދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި 13 ޝަރުތުން އެނގެނީ އެ ގައުމުތަކުގެ މަގުސަދަކީ ގަތަރުގެ އަމިއްލަ މިނިވަންކަން ހަނިކޮށް، ފޮރިން ޕޮލިސީ އެހެން ބަޔަކު ކަނޑައެޅުން ކަމެވެ.
ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ގަމާއި ވައި އަދި ކަނޑުގެ މަގު ބަންދުކުރުން ހިމެނެ އެވެ. ގަތަރަށް އެތެރެކުރާ ކާބޯތަކެތީގެ 40 ޕަސެންޓް ގެންދަނީ ސައުދީ އަރަބިއްޔާގެ ތެރެއިންނެވެ. ކަނޑުން ކޮންޓޭނަރުގައި މުދާ ގެންނަ އިރު ޔޫއޭއީގެ ބަނދަރު ބޭނުންކުރެ އެވެ.
އެކަމަކު އެ ފިޔަވަޅުތަކުން މިހާތަނަށް ގަތަރުގެ އިގުތިސާދަށް އަދި ހުއްޓުމެއް ނާދެ އެވެ. ގަތަރާ ގާތް ގުޅުމެއް އޮންނަ ތުރުކީ އާއި އީރާނުން ގެންދަނީ ވައިގެ މަގުންނާއި ކަނޑު މަގުން މުދާ ފޯރުކޮށްދެމުންނެވެ.
ހަތަރު ގައުމުން ކުރިމަތިކުރުވި ޝަރުތުތަކުގެ ތެރޭގައި އީރާނާ އެކު އޮންނަ ގުޅުން ކަނޑާލުމާއި ގަތަރުގައި އޮތް ތުރުކީގެ އަސްކަރީ މަރުކަޒު ބަންދުކުރުން ވެސް ހިމެނެ އެވެ.
- މުސްލިމް ބްރަދަހުޑާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލުން
- ހަތަރު ގައުމުގެ ރައްޔިތުންނަށް ހިމާޔަތް ނުދިނުން
- ޓެރަރިޒަމްގެ ކުށުގައި ހޯދަމުން އަންނަ އެ ހަތަރު ގައުމުގެ އެންމެން ހަވާލުކުރުން
- އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިވާ ގްރޫޕްތަކަށް އެހީތެރިވުން ހުއްޓާލުން
- ގަތަރުން އެހީ ދޭ ސައުދީ އާއި އެހެން ގައުމުތަކުގެ އިދިކޮޅު ފަރާތްތަކުގެ ތަފްސީލު ދިނުން
- އިގުތިސާދީ އަދި ސިޔާސީ ގޮތުން ވެސް އަރަބި އެހެން ގައުމުތަކާ އެއް ސިޔާސަތެއް ގެންގުޅުން
- އަލް ޖަޒީރާގެ އިތުރުން އަރަބި21، މިޑްލް އީސްޓް އައި އަށް، މާލީ އެހީ ދިނުން ހުއްޓާލުން
- މާލީ ގޮތުން ބަދަލު ދިނުން (ވަކި އަދަދެއް ބުނެފައެއް ނުވޭ)
ޔޫއޭއީގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަންވަރު ގަރުގޭޝް ވިދާޅުވީ ގަތަރާ އެކު އޮތް ހުރިޙާ ގުޅުމެއް ވެސް ކަނޑާލެވިދާނެ ކަމަށެވެ. އެކަމަކު ގަތަރުގެ ވެރިކަން ބަދަލުކުރުމަކީ އެ ގައުމުތަކުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުތުތަކަށް ގަތަރުން އަމަލްނުކޮށްފި ނަމަ، ގަތަރާ ނުލާ ކުރިއަށް ދެވޭނެ އެހެން ގޮތްގޮތް ވެސް ހުންނާނެ އެވެ.
"ކޮންމެހެން އިތުރަށް ކަންކަން ގޯސްކުރުމެއް ނޫން ދެން އޮތް ގޮތަކީ. ދެން އޮތީ އެހެން ގޮތް ގޮތުން ކުރިއަށް ދިއުން،" އަންވަރު ވިދާޅުވި އެވެ.
"އަހަރެމެންގެ ތެރެއިން އެއް ބައިވެރިޔަކު ހައްދުފަހަނައެޅުމާއި ޓެރަރިސްޓް އެޖެންޑާ ކުރިއަށް ނެރޭ ކަމަށް ވާ ނަމަ ވަރަށް އުނދަގޫ ކަމެއް އެއީ އެ ބައިވެރިޔާއާ އެކު އެއް ވިސްނުމެއް ގެންގުޅެގެން ކުރިއަށް ދިއުމަކީ."
ގަތަރަށް ކުރިމަތިކުރުވި ޝަރުތުތަކުގެ ތެރޭގައި އަލް ޖަޒީރާ ޗެނެލް ހުއްޓާލުން ހިމެނެ އެވެ. އެކަމަކު ގަތަރުގެ ސަރުކާރުން ހޭދަކޮށްގެން ހިންގާ މި ޗެނެލުން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާލަން ކުރާ އެއްވެސް ކަމަކަށް ބޯނުލަނބާނެ ކަމަށެވެ.
"އެއްވެސް ގައުމަކަށް، އެއްވެސް ފަރާތަކަށް ބޯލެނބުމެއް ނެތި އަހަރެމެންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އޭގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާނެ" ކަމަށް އަލް ޖަޒީރާ އިން ބުންޏެވެ.
އަރަބި ގައުމުތަކުގައި އެންމެ ގިނަ ބަޔަކު ބަލަނީ އަލް ޖަޒީރާ އަރަބި ޗެނެލް އެވެ. އެކަމަކު ސައުދީ އަރަބިއްޔާ އާއި މިސްރު ފަދަ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އެ ގައުމުތަކުގެ އެތެރޭގައި ހަމަނުޖެހުން އުފައްދަން އެ ޗެނެލުން މަސައްކަތްކުރެ އެވެ.