28 ޖޫން 2017 - 11:53

ކޮލަމްބިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޝަކީރާގެ ކުރިއަށް އޮތް ޓުއާ "ޝަކީރާ: އެލް ޑޮރާޑޯ ވޯލްޑް ޓުއާ" އަންނަ ނޮވެމްބަރުމަހު ފަށާ ގޮތަށް ނިންމައި، ޓުއާގެ ތާވަލް އިއުލާންކޮށްފި އެވެ.
މިއީ އޭނާގެ އެންމެ ފަހުން ނެރުނު އަލްބަމް "އެލް ޑޮރާޑޯ" ޕްރޮމޯޓް ވެސް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޓުއާއެކެވެ. އެ އަލްބަމް ނެރެފައި ވަނީ މިދިޔަ މޭ 26 ގަ އެވެ.
މި ފަހަރުގެ ޓުއާ ފަށާނީ ނޮވެމްބަރުމަހުގެ އަށެއް ގައި ޖަރުމަނުގެ ކޮލޯއިންނެވެ. އަންނަ އަހަރުގެ ފެބްރުއަރީމަހާ ހަމައަށް ދެމިގެންދާ ޓުއާ ނިންމައިލާނީ އެމެރިކާގެ ލަސް ވެގަސް އިން ފެބްރުއަރީ 10 ގަ އެވެ.
ޓުއާގައި ޖަރުމަން، ފްރާންސް، އިޓަލީ، ޕޯޗްގަލް، ކެނެޑާ، ސްޕެއިން، ސްވިޒްލެންޑް، ބެލްޖިއަމް އަދި ނެދަލެންޑްސް ފަދަ ގައުމުތަކަށް ޒިޔާރަތް ކުރާނެ އެވެ.
ޓުއާ އަށް ނުކުންނާތީ ވަރަށް އުފަލުން ހުރި އުމުރުން 40 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ދުނިޔޭގެ އެކި ހިސާބުތަކުން އޭނާގެ މިއުޒިކު އަޑު އަހާތީ ހުރިހާ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"އަދި ސްޓޭޖްމަތިން ފޭނުންނާ ބައްދަލުކޮށްލަން ކެތްތެރިކަން ކުޑަވެފައި މިހިރީި. މިއީ ވަރަށް މަޖާ އަދި ވަރަށް ކާމިޔާބު ޓުއާއަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ޝަކީރާ ބުންޏެވެ.
"ޝަކީރާ: އެލް ޑޮރާޑޯ ވޯލްޑް ޓުއާ" ގެ ޓިކެޓް އަންނަ ހުކުރުދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ. އޭގެ ކުރިން މިއަދުން ފެށިގެން ޓިކެޓް ޕްރީ އޯޑާ ކުރެވޭނެ އެވެ.