އިރާގުގައި އައިއެސްގެ ކަންތައް ނިންމާލައިފިކަން އިއުލާންކޮށްފި
އިރާގުގައި އައިއެސްގެ ކަންތައް ނިންމާލައިފިކަން އިއުލާންކޮށްފި

މޫސަލް (ޖޫން 30) - އިރާގުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކަންތައް ނިންމާލާ އެ މީހުންގެ ޚިލާފަތު ނިމުމަކަށް ގެނެސްފައިވާކަން ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އިއުލާން ކުރައްވައިފި އެވެ.

އައިއެސްގެ ބާރު ނެތިކޮށްލެވުނުކަން އިރާގުގެ ބޮޑު ވަޒީރު އިއުލާން ކުރައްވާފައި މި ވަނީ މޫސަލްގެ 850 އަހަރުވީ މަޝްހޫރު އަލް ނޫރީ މިސްކިތް އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނައުމާ އެކު އެވެ. އައިއެސް އިން މީގެ ތިން އަހަރު ކުރިން އެ މީހުންގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އިއުލާންކުރި މިސްކިތް މިދިޔަ ހަފުތާގައި ވަނީ ގޮއްލާވައިފަ އެވެ. ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކެއްގައި ބަޣުދާދީ ވެސް މަރާލާފައިވާކަމުގެ ރިޕޯޓްތަކެއް ވަނީ އާއްމުވެފަ އެވެ.

"ނޫރީ މިސްކިތާއި އެ މިސްކިތުގެ މަޝްހޫރު މުންނާރުތައް އިރާގު ސިފައިންގެ ބާރުގެ ދަށަށް އަނބުރާ ގެންދިއުމަކީ އައިއެސްގެ ވެރިކަން ނިމުން،" އަބާދީ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ނޫރީ މިސްކިތް ހިފާފައި ވަނީ އެމެރިކާގެ ތަމްރީނު ލިބިފައިވާ ކައުންޓާ ޓެރަރިޒަމް ސާވިސްގެ އެލީޓް ޔުނިޓްތަކުންނެވެ.

އިރާގު ސިފައިންގެ ބާރުގެ ދަށަށް މޫސަލް ގެންދިއުމަކީ އިރާގުގައި އައިއެސްގެ ބާރު ނެތި ދިއުން ކަމަށް ވިޔަސް އެ ޖަމާއަތުން ބައެއް ހިސާބުތައް އަދިވެސް ކޮންޓްރޯލް ކުރެ އެވެ. ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ވެސް މިހާރު ވަނީ އެމެރިކާގެ މަދަދު ލިބޭ ސިފައިން ފަށާލައިފަ އެވެ. އައިއެސް އަށް ލިބުނު މި ނާކާމިޔާބީއާ އެކު މީގެ ދެ އަހަރު ކުރިއާ އަޅާބަލާ އިރު އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް މިހާރު ވަނީ 60 ޕަސެންޓަށް ކުޑަވެފަ އެވެ. އަދި އައިއެސްގެ އާމްދަނީ ވެސް ވަނީ 80 ޕަސެންޓް ދަށްވެފަ އެވެ.