ރުޑީގާގެ އޭޖެންޓް ކޮންޓޭއާ ބައްދަލުކޮށްފި
ރުޑީގާގެ އޭޖެންޓް ކޮންޓޭއާ ބައްދަލުކޮށްފި

ރޯމް، އިޓަލީ (ޖުލައި 1) - އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާގެ އޭޖެންޓް ސަހްރް ސެނޭސީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ބައްދަލުކޮށްފައިވާ ކަމަށް އިޓަލީގެ މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

މިދިޔަ އަހަރު ވެސް ޗެލްސީން ވަނީ ރުޑީގާ ގެންނަން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ރުޑީގާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނީ އެވެ. އަނިޔާއިން ރަނގަޅުވެ، ރޯމާ މި ފަހަރު އިޓަލީ ލީގުގެ ދެ ވަނަ ހޯދިއިރު ޓީމުގެ ފަހަތުގައި ރުޑީގާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރުޑީގާ ގަންނަން ޗެލްސީ ވަނީ 30 މިލިއަން ޕައުންޑުގެ ބިޑެއް ކުރަން ނިންމައިފަ އެވެ. އަދި ބޯނަސްއާ އެކު އިތުރު ފަސް މިލިއަން ޗެލްސީން ދޭން ނިންމައިފިނަމަ ރޯމާ އިން ވެސް އެ އަގުގައި އޭނާ ވިއްކާނެ ކަމަށް ބެލެވެ އެވެ.

އުމުުރުން 24 އަހަރުގެ ސިއެރަ ލިއޯން އަށް އުފަން ރުޑީގާ ރޯމާ އަށް ބަދަލުވީ 2015 ވަނަ އަހަރު ޖަރުމަނުގެ ސްޓުޓްގާޓް ދޫކޮށެވެ. އެ ފަހަރު ރޯމާ އިން ދެއްކީ ހަތަރު މިލިއަން ޔޫރޯ އެވެ.

ރޯމާ އިން ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ވިންގް މުހައްމަދު ސަލާހު ލިވަޕޫލަށް ވިއްކާލައިފަ އެވެ. އަދި އެ ޓީމުގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ގްރީސްގެ ޑިފެންޑަރު ކޮސްޓަސް މަނޯލަސް ހޯދަން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗެލްސީން އެ ޓީމުގެ މެދުތެރެއަށް ކުޅޭ ސާބިއާގެ ނިމެންޔާ މަޓިޗް ދޫކޮށްލުމަށް ފަހު މޮނާކޯގެ ޓިއެމް ބަކަޔޯކޯ ގެންނަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މަޓިޗް ބަދަލުވާނެ ކަމަށް ބެލެވެނީ ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑަށެވެ.