ސަލްމާންގެ ސެކިއުރިޓީ ގާޑުން ވަކިކުރީ މެހެމާނެއްގެ ގައިގައި ޖެހުމުން
ސަލްމާންގެ ސެކިއުރިޓީ ގާޑުން ވަކިކުރީ މެހެމާނެއްގެ ގައިގައި ޖެހުމުން

ސަލްމާން ހާންގެ ސެކިއުރިޓީ ބައެއް ގާޑުން ވަޒީފާ އިން ވަކިކުރީ އޭނާގެ ވާހަކަތައް މީޑިއާ އަށް ކިޔައިދިނުމުގެ ތުހުމަތުގައި ނޫން ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެފި އެވެ.

އެއް ގާޑަކު ބުނީ ދާދި ފަހުން އޮތް އިވެންޓެއްގައި އެމީހުންނާ ހަވާލުކުރީ ސަލްމާންގެ ބައެއް މެހެމާނުންގެ ސެކިއުރިޓީ ބެލެހެއްޓުން ކަމަށެވެ. އެތަނުން އެއް މެހެމާނަކު ސެކިއުރިޓީ ގާޑަކާ ހިތްހަމަނުޖެހުނީ އެވެ. އޭނާގެ ޝަކުވާއަކީ އެ ސެކިއުރިޓީ ގާޑު އޭނާއަށް އަދަބުވެރިކޮށް ނުހިތުމެވެ.

އެމީހާ ވަނީ ގާޑު އެއްޗެކޭ ބުނުމާ އެކު ރުޅިއައިސްގެން ގާޑުގެ މޫނުމަތީގައި ޖަހާފައި ކަމަށް ވެސް ވެ އެވެ. ގާޑު މީހާ ވެސް ބަލަން ނުހުރެ މެހެމާނާގެ ގައިގައި ޖެހީ އެވެ.

މެހެމާނުންގެ ސެކިއުރިޓީންގެ ކަންކަމާ ހަވާލުވެ ހުރި 20 ގާޑުން ވަޒީފާ އިން ވަކިކުރީ އަނެއް ދުވަހު އެވެ. އެކަން ސަލްމާން ކުރީ ހުރިހާ ގާޑުން ހާޒިރުކޮށްފައި ކަމަށް ވެސް، މީޑިއާއާ ވާހަކަ ދެއްކި ސެކިއުރިޓީ ގާޑު ބުންޏެވެ.

ވަޒީފާ ގެއްލުނު ގާޑުންގެ ތެރޭގައި ހިމެނޭ އެހެން މީހަކު ބުނީ މެހެމާނުގެ ގައިގައި ޖެހި ގާޑުގެ ސަބަބުން އެހެން މީހުންގެ ވަޒީފާ ގެއްލެނީ ކީއްވެތޯ އެކަކު ސަލްމާނާ ސުވާލުކުރި ކަމަށެވެ. އެ ސުވާލުކުރުމުން ސަލްމާން ވަރަށް ރުޅިގަދަވެފައި އެމީހާއާ ދިމާއަށް ބުނި ކަމަށް ވަނީ މާ ބޮޑަށް އަނގަތަޅަނީ ކަމަށެވެ. އެހެން ބުނެފައި އެ މީހާ ވެސް ވަޒީފާއިން ވަކިކުރީ އެވެ.

އެހެން ގާޑަކު ބުނި ގޮތުގައި ސަލްމާނަކީ ވަރަށް ހިތްހެޔޮ، ރަނގަޅު މީހެކެވެ. ނަަމަވެސް އޭނާ މޫޑީ ކަމުން މުޅި ދިރިއުޅުމަށް އެނުބައި ހިޔަނި އެޅިފައިވާ ކަމަށް އެ ސެކިއުރިޓީ ގާޑު ބުންޏެވެ.