ބޫޓު ރައްކާކުރާ ގޮތް މުހިންމު
ބޫޓު ރައްކާކުރާ ގޮތް މުހިންމު

ބޫޓެއް ގަތުމަށް ފަހު ބޫޓުގެ ފޮށިގަނޑު އެއްލާލާފައި ބޫޓު ލަނީ ކޮތަޅަކަށެވެ. ގެޔަށް އައުމަށް ފަހު ކަބަޑު ތެރޭގައި ނުވަތަ ރެކެއްގައި ބޫޓު ބަހައްޓަނީ ހާމަޔަށެވެ. އެކަމަކު މިއީ ބަދަލުކުރަންޖެހޭ އާދައެކެވެ.

ބޫޓު ރައްކާކުރާ ގޮތް މުހިންމު
ބޫޓު ރައްކާކުރާ ގޮތް މުހިންމު

ބޫޓު ލައި ކާޑުބޯޑު ފޮއްޓަކީ ވަރަށް މުހިއްމު އެއްޗެކެވެ. ފިހާރައަކުން ބޫޓު ގަންނައިރު އެ ބޫޓު ލާފައި އޮންނަ ފޮށި ދޫކޮށްލާފައި ނުދާށެވެ. ފޮއްޓެއް ނުދޭ ނަމަ ހެޔޮވަރު ފޮއްޓެއް ހޯދާށެވެ.

ގިނައިން ބޫޓު ގެންގުޅޭ މީހުން ކޮންމެ މީހަކު 8-12 ވައްތަރުގެ ބޫޓު ގެންގުޅެ އެވެ. ޕާޓީއަކަށް ނުވަތަ އޮފީހަށް ވިޔަސް، އެކި ކުލައިގެ އެކި ޒާތުގެ މެޓީރިއަލުން ފަރުމާކޮށްފައިވާ ބޫޓަށް އަރަ އެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު އަރާ ވައްތަރުތަކާއި ހާއްސަ މުނާސަބަތުތަކަށް، އަހަރަކު ދެތިން ފަހަރު އަރާ ބޫޓު ހުރެ އެވެ.

ހާއްސަ މުނާސަބަތުތަކަށް އެކަނި އަރާ ބޫޓެއް ނަމަ އެންމެ ރަނގަޅީ ބޫޓު ލާ ފޮށީގެ ތެރޭގައި ރައްކާކުރުމެވެ. އޭގެ ތެރޭގައި ކަރުދާސް ހުރުން ރަނގަޅެވެ. އޭރުން ދެ ކިބަ ރީތިކޮށް ނިވާކޮށްލައި ބޫޓުގެ ދަށުގައި ހުންނަ ކިލާ ނޫނގުޅޭ ގޮތަށް ބެހެއްޓޭނެ އެވެ. މީގެ އިތުރުން، މަހުމާ މެޓީރިއަލްގެ ބޫޓު ހާމަ އަށް ބެހެއްޓުމުން ފަސޭހައިން ހިރަފުސް ހިފާނެ އެވެ. މިއީ އެރުމަށް ފަހު ފޮށިތެރޭގައި ރައްކާކުރަންޖެހޭ ވައްތަރުތަކެވެ.

އާއްމުކޮށް ނާރާ ބޫޓު ހިރަފުހުގެ އިތުރުން ސީދާ އަވިިން ވެސް ރައްކާކުރަންވާނެ އެވެ. އޭރުން އަވަހަށް ހަލާކު ނުވެ ގިނަ ދުވަހު އެރޭ ގޮތަށް ސާފުކޮށް ބެހެއްޓޭނެ އެވެ. ފޮއްޓެއްގައި ބޫޓު ރައްކާކުރުމުން، ބޫޓު ބަހައްޓާ ރެކު ނުވަތަ ކަބަޑު ތަރުތީބުކުރަން ވެސް ފަސޭހަވާނެ އެވެ. ކޮންމެ ދުވަހަކު ނުވަތަ އާއްމުކޮށް އަރާ ބޫޓުތައް އެ ދުވަހަކު އެރުމަށް ފަހު ވަގުތުން ފޮއްޓަށް ލުމުން ނުބައި ވަސް ފަސޭހައިން ހިފާނެ އެވެ. ސަބަބަކީ ފައިތިލައިން ވެސް ދާހިތްލާތީ އެވެ. ވީމާ، ބޫޓު ބޭލުމަށް ފަހު ކަބަޑު ތެރެއަށް ނުވަތަ ފޮށިތެރެއަށް ލާނީ ގަޑިއެއްހާއިރު ފަހުންނެވެ.

ބޫޓު ކަބަޑުގައި ވަސް ހިފާ ނަމަ، މީރުވަސް ދުވާ އުއްބަތިއެއް (ރޯނުކޮށް ) ކަބަޑުގެ ކަނެއްގައި ބާއްވާށެވެ. ކުޑަ އުއްބަތިއެއް ބޫޓު ފޮށި ތެރޭ، ބޫޓުގައި ނުޖެހޭ ގޮތަށް ބެހެއްޓުމުން ވެސް ރަނގަޅުވާނެ އެވެ.