03 ޖުލައި 2017 - 06:31

އުމުރުން އަށް މަހުގެ ޗާލީ ގާޑު، ވިހެއީންސުރެ އޮންނަނީ ހޮސްޕިިޓަލްގެ އައިސީޔޫގަ އެވެ. އެ ކުއްޖާއަށް ޖެހިފައިވާ ފަރުވާއެއް ނެތް ބަލީގައި ދުނިޔޭގައި އޮތީ ލައިފް ސަޕޯޓްގެ އެހީގަ އެވެ. އެ ނައްޓާލައިފި ނަމަ މަރުވާނެ އެވެ.

އިނގިރޭސި ވިލާތުގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިލްގެ ތަޖުރިބާކާރުން ބުނަނީ ދުނިޔޭގެ އެއްވެސް ތަނަކުން ޗާލީ އަށް ފަރުވާ ލިބެން ނެތް ކަމަށެވެ. ކުއްޖާގެ ބައްޕަ ކްރިސް ގާޑާއި މަންމަ ކޮނީ ޔޭޓްސް ބޭނުންވަނީ، އެމެރިކާގައި މިހާރު ތަޖުރިބާކުރަމުން އަންނަ ފަރުވާއަކަށް ދަރިފުޅު އެމެރިކާ އަށް ގެންދާށެވެ.
އެ ފުރުސަތު ނުލިބި އިނގިރޭސި ވިލާތުގެ ހުރިހާ ކޯޓަކުން މައްސަލަ ނިމުނީ މައިންބަފައިންނާ ދެކޮޅަށް، ޗާލީގެ ލައިފް ސަޕޯޓް ނައްޓާލުމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ މަރުވަން ދޫކޮށްލާށެވެ. މައިންބަފައިންގެ އެންމެ ފަހުގެ އުއްމީދު ގުޅިފައި އޮތީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއާ އެވެ. އެކަމަކު މިދިއަ ހަފުތާގައި އެ ކޯޓުން ވެސް ނިންމީ އިތުރު ފަރުވާއެއް ދިނުމަކީ "ޗާލީއަށް ލިބެމުން އަންނަ ގެއްލުންތައް ކުރިއަށް ދިއުން" ކަމަށެވެ.
މި ނިންމުމާ އެކު ހޮސްޕިޓަލަށް މިހާރު އޮތީ ލައިފް ސަޕޯޓް ނައްޓާލުމެވެ. ނަމަވެސް އެކަން ކުރާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ. ފަހަރެއްގައި މި ހަފުތާ ތެރޭގައި ވެސް، ކްރިސް އާއި ކޮނީގެ އަސަރު ހުރި މަސައްކަތަށް ނިމުން އަތުވެދާނެ އެވެ.
ޗާލީ އަށް ޖެހިފައި ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މައިޓޮކޮންޑްރިއާ ޑެޕްލީޝަން ސިންޑްރޯމް އެވެ. މި ބަލީގައި ވާ ގޮތަކީ މަސްތަކުގެ ބާރު ދަށްވަމުން ދިއުމާއި ސިކުނޑި އަށް ގެއްލުން ލިބުމެވެ. ދުނިޔޭގައި މިވަގުތު ތިބީ މި ބަލީގެ އެންމެ 16 ކުދިންނެވެ.
ޔޫރަޕިއަން ކޯޓުން ބުނި ގޮތުގައި ޗާލީ އަށް ހޯދައިދޭން އުޅޭ ފަރުވާގެ ކާމިޔާބުކަން ކަށަވަރެއް ނޫނެވެ. އެއީ އަދި ތަޖުރިބާކުރަމުން އަންނަ ފަރުވާއަކަށް ވާތީ، އެންމެ ކައިރީ އޭގެ ސަބަބުން ކުއްޖާ އަށް އިތުރު އުނދަގުލާއި ވޭނަށް މަގު ހުޅުވުން ކަމަށް ވެސް، ކޯޓުގެ ނިންމުމުގައިވެ އެވެ.
ކޯޓުން ބުނީ ހޮސްޕިޓަލުން މިހާރު ވަގުތީ ގޮތުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލުން ވެސް އެންމެ ރަނގަޅު ކަމަށެވެ. އޭގެ މާނައަކީ ލައިފް ސަޕޯޓް މެޝިން ނިންވާލުމުގެ އިހުތިޔާރު ހޮސްޕިޓަލަށް ލިބުމެވެ.
އެމެރިކާ އިން ލިބެން ހުރި ތަޖުރިބާކުރަމުން އަންނަ ފަރުވާ ހޯދަން، ޗާލީގެ މައިންބަފައިން ވަނީ އެކި މީހުންގެ އެހީތެރިކަމާ އެކު 1.3 މިލިއަން ޕައުންޑް އެއްކޮށްފަ އެވެ. ކުއްޖާގެ މަންމަ ޔޭޓްސް ކުރިން ބުނިފައިވާ ގޮތުގައި އޭނާގެ ދަރިފުޅުގެ ފަރުވާއަށް އެ ފައިސާ ބޭނުންނުކުރެވިއްޖެ ނަމަ، އެ ބަލީގެ ފަރުވާ ހޯދަން ކުރަމުން އަންނަ މަސައްކަތްތަކަށް ހަދިޔާކުރާނީ އެވެ.
"އެހެން ތުއްތުކުދިންނާއި ކުޑަކުދިން ސަލާމަތްކުރަން އަހަރެމެން ބޭނުން. މިއީ ނަތީޖާ ފެނިފައިވާ ބޭސްތަކެއް. ތެދަށް ބުނަންޏާ ބުނެވޭނީ އެފަރުވާއަށް އަހަރެމެންގެ އިތުބާރު އެބަ އޮތޭ،" ޔޭޓްސް ބުންޏެވެ.
"ޗާލީ އަށް އެ ފުރުސަތު ނުލިބިއްޖެ ނަމަ، ބަލީގެ އެހެން ކުދިން ސަލާމަތްވޭތޯ އަަހަރެމެންނަށް ކުރެވެން ހުރި ކަމެއް ކުރާނަން."
ޔޫރަޕްގެ ކޯޓުން ނިންމި ނިންމުމަށް ފަހު ހޮސްޕިޓަލުން ބުނީ މިއީ ވަރަށް އުނދަގޫ މަރުހަލާއެއްގެ ނިމުން ކަމަށެވެ. ދެން އަޅަން ޖެހޭ ފިޔަވަޅުގެ ކުރިން އެންމެ ބޮޑު އިސްކަމެއް ދޭނީ ޗާލީގެ މައިންބަފައިންނަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދިނުން ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.