"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޗަންކީގެ ދަރިފުޅު އަނަންޔާ
"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޗަންކީގެ ދަރިފުޅު އަނަންޔާ

ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން ބޮލީވުޑްގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުދިން ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ހިމެނެ އެވެ. ކުރިން އަޑުއިވިފައި އޮތީ އަނަންޔާ ފިލްމީ ދުނިޔެއަށް ނެރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން އުޅެނީ ސަލްމާން ޚާން ކަމަށެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަނަންޔާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ނުކުންނާނީ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ޓައިގާ ޝްރޮފްއާ އެކުގަ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޗަންކީގެ ދަރިފުޅު އަނަންޔާ
"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޗަންކީގެ ދަރިފުޅު އަނަންޔާ

ދެ ބަތަލާއަކު ހިމެނޭ މި ފިލްމު އިއުލާން ކޮށްފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ފިލްމުގައި ބައިވެރިވާ ތަރިންގެ ތެރެއިން އަދި ޔަގީން ވެފައިވަނީ ބަތަލު ޓައިގާ ޝްރޮފް އެކަންޏެވެ. ބަތަލާއިންނަކީ ޖާންވީ ކަޕޫރު، ސާރާ އަލީ ޚާން އަދި ދިޝާ ޕަޓާނީ ކަމަށް އަޑު ފެތުރުނު ނަމަވެސް މިއިން އެއްވެސް ބަތަލާއަކު ފިލްމުގައި ބައިވެރިވާކަން ފިލްމު ޕްރޮޑިއުސްކުރާ ދަރްމާ ޕްރޮޑަކްޝަނުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މިހާރު އަޑު އިވޭ ގޮތުގައި ކަރަން ވަނީ ފިލްމުގެ އެއް ބަތަލާއަކަށް އަނަންޔާ ހަމަޖައްސަން ނިންމާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު މުމްބައި މިރާއަށް ދީފައިވާ އިންޓަވިއުއެއްގައި، ކުރިން ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު އަދި އަނަންޔާގެ ބައްޕަ ޗަންކީ ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީއަށް ވަނުމަށް އޭނާގެ ދަރިފުޅު އަންނަނީ ތައްޔާރު ވަމުންނެވެ. އަނަންޔާ ބަތަލާއަކަށް ވާން ވަރަށް ބޭނުންވެގެން އޭނާ ގާތު އެ ވާހަކަ ބުނެފައިވާ ކަމަށް ވެސް ޗަންކީ ބުންޏެވެ.

"އެއީ އަހާން ކަމަށް ވިޔަސް ނުވަތަ އަނަންޔާ ކަމަށް ވިޔަސް އަހަރެން ބޭނުންވަނީ އެމީހުން އަމިއްލައަށް މަސައްކަތް ކޮށްގެން ފިލްމު އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ހޯދަން،" ޗަންކީ ބުންޏެވެ.

އަނަންޔާ ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކޮލެޖުން ގްރެޖުއޭޓްވެ ކިޔެވުން ނިންމާލާފަ އެވެ. އަދި މިހާރު އޭނާ އަންނަނީ ސެލެބްރިޓީ ފިޓްނަސް ޓްރެއިނަރު ޔާސްމީން ކަރާޗީވާލާގެ ކައިރިން ތަމްރީނުތައް ހޯދަމުންނެވެ.

ޒުވާން އަނަންޔާގެ އިންސްޓަގްރާމް ފޭން ޕޭޖުން ވެސް އޭނާ ބޮލީވުޑަށް ވަންނަން ވަމުންދާ ތައްޔާރީތައް ވަރަށް ރަނގަޅަށް ދަނީ ހާމަވަމުންނެވެ. އަނަންޔާ އެކަންޏެއް ނޫނެވެ. އޭނާގެ ދެބެންގެ ދެދަރި އަހާން ޕާންޑޭ ވެސް ބޮލީވުޑަށް ވަނުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދެ އެވެ. އަހާން އަކީ ޗަންކީގެ ބޭބެ ޗިއްކީގެ ދަރިއެކެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ކަރަން ޖޯހަރް ވަނީ ބޮލީވުޑަށް ވަރަށް ހުނަރުވެރި ތިން އެކްޓަރަކު ތައާރަފް ކޮށްދީފަ އެވެ. އެއީ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާރްތު މަލްހޯތުރާ އެވެ. މިތިން އެކްޓަރުންނަކީ މިހާރު ބޮލީވުޑްގައި އަލަށް ފިޔަޖަހަމުން އަންނަ ވަރަށް އަލިގަދަ ތަރި ތަކެކެވެ. އެހެންކަމުން މި ފިލްމުގެ ދެ ވަނަ ބަޔަކުން ކަރަން އަނެއްކާވެސް ތައާރަފްކުރާނެ ހުނަރުވެރި އާ ތަރިން ތަކެއް ދެކިލަން ގިނަ ބަޔަކު ތިބީ އިންތިޒާރުގަ އެވެ.