06 ޖުލައި 2017 - 16:49

ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ވެކޭޝަންސް އެކްސްޕޯ މިއަދު ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އާޓް ގެލެރީގައި ކުރިއަށް ގެންދާ މި އެކްސްޕޯގައި، ރާއްޖެ އަށް ދަތުރުކުރާ ބޭރުގެ ގިނަ އެއާލައިންތަކާއި ރާއްޖޭގެ އެއާލައިންތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅުން ހުރި އެކި ފަރާތްތަކުން ބައިވެރިވެ އެވެ.

މިއިން ކޮންމެ ފަރާތަކުން ވެސް އެ މީހުންގެ އެކި ޕެކޭޖުތަކާއި ޕްރޮމޯޝަންތަކުގެ މައުލޫމާތު ދެ އެވެ. އަދި އެކްސްޕޯ އަށް ޒިިޔާރަތް ކުރާ ބައިވެރިންގެ މެދުގައި ނަގާ އެކި ގުރުއަތުތަކުގައި މިލިއަން ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި އެކްސްޕޯ މިއަދު މެންދުރު ފަހު ހުޅުއްވައިދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު، އަކިލޭޝް މިޝްރާ އެވެ.

އެކްސްޕޯ ފެށުމުގެ ގޮތުން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖޭގައި ހުންނަވާ ބޭރުގެ ސަފީރެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އޭނާ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އެއީ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ ދާއިރާއަކަށް ވާތީ ނޫން ކަމަށާއި އެކަމަކު ރަހުމަތްތެރިކަން ބިނާ ކުރުމަށް ޓޫރިޒަމް ދާއިރާގެ މުހިއްމުކަން ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމަކާ ގުޅުން ބަދަހި ކުރުމަށް، އެ ގައުމަކަށް ޒިޔާރަތްކޮށް، އަމިއްލަ އަށް އެބަ ކަންކަން ތަޖުރިބާ ކުރަން ޖެހޭ. ޓޫރިޒަމްގެ ދާއިރާ އަކީ އެކަމަށް ލިބޭ ފުރުސަތެއް،" މިޝްރާ ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، އެ ދާއިރާ ކުރިއަށް ގެންދާ ގޮތަށް ތައުރީފް ކުރައްވާފަ އެވެ.

ރާއްޖޭގައި އިވެންޓް މެނޭޖްކުރާ ކުންފުންޏެއް ކަމަށްވާ ހައިރައިސް އިން ކުރިއަށް ގެންދާ މި އެކްސްޕޯ ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

މި އެކްސްޕޯގައި 40 ފަރާތުން ބައިވެރިވާއިރު އޭގެ ތެރޭގައި އިނަ މޯލްޑިވްސް އާއި ކާނި ހޮޓެލްސް އާއި އެމްވީ ހޮޓެލްސް އާއި މޯލްޑިވިއަން އާއި މޫދު ހޮލިޑޭސް އާއި ހައްޖު ކޯޕަރޭޝަން އާއި މުފާސިރީން އާއި ވޮޔޭޖަސް މޯލްޑިވްސް އާއި ރެވެރީޒް އާއި ކްރޭކަން އާއި ޕްލުމީރިޔާ އާއި ފްލައި މީ އާއި ވިނޯވާ އާއި ޕެބްލްސް އިން އާއި އުނިމާ ގްރޭންޑް އަދި ޓްރެވަލް ކަނެކްޝަން މޯލްޑިވްސް ގެ ސާފް ވިއޫ ހިމެނެ އެވެ.
އަދި ބައިވެރިންގެ ތެރެއިން މަޖާ ކުރުމާއި ކުޅިވަރާ ގުޅުން ހުރި ވިޔަފާރި ތަކަކީ އެޑްވެންޗާ ޒޯން، ބީޗް ކްލަބް، ޑައިވް ޑެސްކް، ބޯޑް އެންޑް ސްޕޯޓްސް، އަދި އައިލަންޑް ވޯޓާ ސްޕޯޓްސް އެވެ. އެކްސްޕޯ ގެ ބޭރުގެ މައިގަނޑު ބައިވެރިންނަކީ ލަންކާ ހޮސްޕިޓަލްސް، ހޮލިޑޭ ކެރަލާ، ބޮންޑް ސަފާރީ އިންޑިޔާ، ތާއީ ޓޫރިޒަމް ބޯޑް، އަދި ލަންކާ ގެ ދި ކިންގްސްބަރީ ހޮޓެލް ހިމެނެ އެވެ.
ހައިރައިސް އިން ބުނިގޮތުގައި އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުނަށް އަމާޒުކޮށް އެ މަހާސިންތާގައި ބައިވެރިވާ ވިޔަފާރި ތަކުން ވަނީ އެކި ޕްރޮމޯޝަންތައް ވެސް ރާވައިފަ އެވެ. އެގޮތުން ޗުއްޓީ ޕެކޭޖް ތަކާއި އަދި ހައްޖު އުމްރާ ދަތުރު އިނާމެއްގެ ގޮތުގައި، އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުނަށް ލިބުން އެކަށީގެންވާ ކަމަށް ވެސް ހައިރައިސް އިން ބުންޏެވެ.