23 ޖޫން 2016 - 13:49

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެ އެސޯސިއޭޝަނުގެ ނައިބް ރައީސް އަދި ކުރީގެ ކުޅުންތެރިޔާ އަލީ ރަޝީދު (އައްޔަ) ކުރިމަތިލައްވައިފި އެވެ.
އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ސީވީޑް ހަސަން ލަތީފް ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައިފަ އެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އެންމެ ފުރަތަމަ ތަމްސީލް ކުރެއްވި އެއް ޓީޓީ ކުޅުންތެރިޔާ ލަތީފް އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވީ، އެނގިފައިވާ ގޮތުގައި އާއިލާ އަށް ވަގުތު ދެއްވުމަށެވެ. ލަތީފް އަންނަނީ 1970ގެ ކުރީކޮޅުން ފެށިގެން މި ކުޅިވަރުގައި ހަރަކާތްތެރިވަމުންނެވެ.
އަންނަ ހޯމަ ދުވަހުގެރޭ ބާއްވާ އިންތިހާބުގައި ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ. ނައިބް ރައީސަކަށް ޒުލެއިހާ އިބްރާހިމް ކުރިމަތިލެއްވި އިރު ހަޒާންދާރަކަށް ވާދަކުރައްވަނީ އަހުމަދު ޝާޒިލެވެ.
ކުޅުންތެރިންގެ ފަރާތުން ފިރިހެން މެމްބަރަކަށް ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އަދި އަންހެން މެމްބަރަކަށް އައިޝަތު ނިޝާ ކުރިމަތިލާފައިވާއިރު ބެލެނެވެރިންގެ ފަރާތުން އެކްސްކޯ އަށް ކުރިމަތިލީ އިބްރާހިމް ލަތީފެވެ. އަދި ކްލަބްތަކުގެ މެމްބަރުގެ މަގާމަށް ނަން ހުށަހަޅާފައިވަނީ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އެވެ.
އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަން އަދި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ހިދުމަތްކުރަމުންނެވެ. އެގޮތުން 2006 އިން 2008 އަށް އިދާރީ މަސައްކަތްތައް ކުރިއިރު 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ނައިބް ރައީސެވެ.
އައްޔަ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ މުޅި ރާއްޖެ އަށް ޓީޓީ ފަތުރާލުން ކަމަށެވެ.
"މި ކުޅިވަރު މިހާރަށް ވުރެ ބޮޑަށް ޑިވެލޮޕްކުރުން އެއީ އަޅުގަނޑުގެ އަމާޒު. އެގޮތުން މުޅި ރާއްޖެ އަށް މި ކުޅިވަރު ފަތުރާލައި، ރަށްރަށުގައި ޓީޓީގެ ހަރަކާތްތައް ފުޅާކުރާނަން. މީގެ އިތުރުން ގައުމީ ޓީމު ވަރުގަދަކޮށް އަދި ވައިޑީޕީގެ ފެންވަރު ވެސް ރަނގަޅުކުރާނަން،" އައްޔަ ވިދާޅުވި އެވެ.