ފައިސާގެ ބޭނުމުގައި މައިންބަފައިން މިނިކާވަގަށް ދެނީ
ފައިސާގެ ބޭނުމުގައި މައިންބަފައިން މިނިކާވަގަށް ދެނީ

އާއިލާތަކުން އެ މީހުންގެ މައިންބަފައިން މިނިކާވަގަށް ކާންދީ މެރުމުގެ ހާދިސާތަކެއް އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އޮންނަ ޕިލިބިޓް ޓައިގާ ރިޒާވް (ޕީޓީއާރް)ގެ ބޯޑަރު ސަރަހައްދުގައި ހިނގާފައިވާ ކަމަށް އިންޑިއާ ޓައިމްސް އިން ބުނެފި އެވެ.

އެހިސާބުގަނޑުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބުނި ގޮތުގައި އެ އަވަށްތަކުގައި ދިރިއުޅޭ މީހުން އެމީހުންގެ އާއިލާތަކުގައި ތިބި މުސްކުޅި މައިންބަފައިންނާއި އެނޫންވެސް އުމުރުން ދުވަސްވީ މީހުން މިނިކާވަގުތައް އުޅޭ ޖަންގައްޔަށް ފޮނުވަނީ އެވެ. އެއީ މިނިކާވަގެއް މިފަދަ މީހަކަށް ހަމަލާދީ މަރާލައިފި ނަމަ ސަރުކާރުން އޭގެ ބަދަލުގައި ލިބޭނެ ފައިސާގެ ދަހިވެތިކަމުގަ އެވެ.

އެ ހިސާބުގައި މީހަކު މަރުވުމުން ވެސް އެ މީހަކު މަރުވީ ދަނޑުގައި އުޅެނިކޮށް މިނިކާވަގު ހަމަލާ ދީގެން ކަމަށް ދެއްކުމަށް މަކަރުތައް ހަދަ އެވެ. މިއިން ކޮންމެ ކަމެއް ވެސް ކުރަނީ، މިނިކާވަގުގެ ހަމަލާއެއްގައި މީހަކު މަރުވެއްޖެ ނަމަ ސަރުކާރުން ބަދަލުގައި އެތައް ލައްކަ ރުޕީސްއެއް ދޭތީ އެވެ.

މަރުވެފައި އޮންނަ މީހާ ދަނޑުތަކުގެ ތެރޭގައި ބާއްވަނީ ޓައިގާ ރިޒާވް އަށް ވަދެގެން މީހަކު މަރުވިޔަސް ސަރުކާރުން ބަދަލު ނުދޭތީ އެވެ.

މާލާ ފޮރެސްޓް ރޭންޖުން ބުނި ގޮތުގައި ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަތް މީހަކު މިނިކާވަގުގެ ހަމަލާގައި މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

މި މައްސަލަ ފަޅާ އަރުވާލީ ވައިލްޑްލައިފް ކްރައިމް ޕެޓްރޯލް ބިއުރޯގެ ކަލީމް އާތަރް ކިޔާ މީހެކެވެ. އޭނާ ވަނީ މިފަދަ ހުރިހާ މައްސަލަތަކެއް ވަކިވަކިން ބަލާފަ އެވެ. މިނިކާވަގު ހަމަލާ ދީފައި ހުރި ގޮތާއި އެމީހުންގެ ކަންތައްތައް ހުރި ނެތް ގޮތް ވަކިވަކިން ބެލިއިރު މިއީ ބަޔަކު ގަސްތުކުރާ ކުރާ ކަމެއްކަން ވަނީ ސާބިތުވެފަ އެވެ. އެންމެ ހައިރާންވާ ކަމަކީ މިފަދަ ހުރިހާ ހާދިސާއެއްގައި ވެސް އުމުރުން ދުވަސްވީ މީހުން ބައިވެރިވެފައިވަނީ އެމީހުންގެ ރުހުމުގައި ކަމަށް ވުމެވެ.

"އެމީހުންނަކަށް ޖަންގަލިން އެއްވެސް ކަހަލަ އެއްޗެއް އާއިލާގެ މީހުންނަށް ފޯރުކޮށެއް ނުދެވޭނެ ކަމަށް އެމީހުން ގަބޫލުކުރޭ. އެހެންވެ އާއިލާގެ މީހުން ބަނޑުހައިހޫނުކަމުން ސަލާމަތް ކުރެވޭނެ އޮތީ ހަމައެކަނި މިގޮތް ކަމަށް ގަބޫލުކޮށްގެން ޖަންގައްޔަށް ވަަންނަނީ ހިތުން ރުހުމުން،" ދަނޑުވެރިޔާ ޖަރުނެއިލް ސިންގް، 60، ޓައިމްސް އޮފް އިންޑިޔާ އަށް ބުނެފައިވެ އެވެ.