ސާއިދަށް އަނިޔާވެ 200 މީޓަރު ރޭހުގައި ނުދުވެވޭނެ
ސާއިދަށް އަނިޔާވެ 200 މީޓަރު ރޭހުގައި ނުދުވެވޭނެ

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރޭ ހަތަރު ވަނަ ހޯދި ހަސަން ސާއިދުގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން 200 މީޓަރު ރޭހުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ސާއިދުގެ ފަޔަށް އެންމެ ފުރަތަމަ އަނިޔާވީ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ދުވަނިކޮށް ބުރާސްފަތި ދުވަހު އެވެ. އެކަމަކު އެއް ދުވަހުގެ ރިކަވަރީ އަށް ފަހު އިއްޔެ ހަވީރު ސެމީ ފައިނަލަށް އޭނާ ފިޓްވި އެވެ. ސެމީގައި އަނެއްކާ ވެސް ތަދުއެރިއިރު އަނިޔާ ބޮޑުވީ ފައިނަލުގައި ދުވަނިކޮށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އަދިވެސް ތަދަށް ލުޔެއް ލިބިފައިނުވާ ކަމަށާއި ޑޮކްޓަރާއި ކޯޗު ވެސް ލަފާ ދިނީ 200 މީޓަރު ރޭހުގައި ނުދުވަން ކަމަށެވެ.

ކަކުލުގެ މަތިން ފަލަމަސްގަނޑުން ފެށިގެން ބުޑު މަސްގަނޑާ ހަމައަށް އަރާފައިވާ ތަދާ އެކު ސާއިދު ދުވެފި ނަމަ އޭނާގެ މަސްގަނޑު އިރައިގެން ގޮސް ސީރިއަސް އަނިޔާއެއް ވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެ ނަމަ އޭނާ އަށް މި މަހު ފަހުކޮޅު އޮންނަ މެލޭޝިއަން އޯޕަން އާއި އޮގަސްޓް މަހު އޮންނަ ވޯލްޑް ޗެމްޕިއަންޝިޕުން ވެސް ފުރުސަތު ގެއްލޭނެ އެވެ.

ސާއިދު އިއްޔެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ދެއްކި ޕާފޯމަންނަށް ބަލާއިރު 200 މީޓަރު ވެސް އޭނާ ފައިނަލަށް ދާނެކަމަށް އޮތީ ޔަގީންކުރެވިފަ އެވެ.

އަނިޔާއާ ގުޅިގެން މި އަހަރުގެ މުބާރާތް ސާއިދަށް ނިމިފައިވާއިރު މިއީ އޭނާގެ ކެރިއަރުގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް މުބާރާތެވެ. އޭޝިއާގެ ހަތަރު ވަނަ ހޯދުމަކީ، މީގެ ދެ އަހަރު ސާއިދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ހޯދި ރަން މެޑަލަށް ވުރެ ވެސް ނިސްބަތުން ބޮޑު ކާމިޔާބެކެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕަށް ފަހު އޭޝިއާގެ 12 ވަނައިގައި ހުރި ދުވުންތެރިއާ މި ފަހަރު އަށް ދަރަޖަ ކުރިއަށް ޖެހިފައިވާއިރު އޭނާ އަށް އިއްޔެ ލޯ މެޑަލް ނުލިބުނީ ވެސް ހަމަ ކިރިޔާ އެވެ. ތިން ވަނަ އަށް ރޭސް ނިންމި ޗައިނީސް ޓައިޕޭގެ ޔަންގް-ޗުން-ހަން 10:31 ސިކުންތުން ދުވިއިރު މިއީ ސާއިދުގެ ގައުމީ ރެކޯޑް ޓައިމިން ކަމަށްވާ 10:33 ސިކުންތާ 0.02 ސިކުންތުގެ ފަރަގެކެވެ. ސާއިދު އިއްޔެ ދުވީ 10:37 ސިކުންތުންނެވެ.

ސާއިދު ފިޔަވައި ދެކުނު އޭޝިއާގެ އެހެން އެތުލީޓަކަށް ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން އޭނާ ވެފައިވަނީ އޭޝިއާގެ އެތުލެޓިކްސް އެންމެ ޝަރަފްވެރި މުބާރާތުގެ އެންމެ ހާއްސަ އިވެންޓުގެ ފައިނަލުގައި ދެކުނު އޭޝިއާ ތަމްސީލްކުރި ދުވުންތެރިޔާ އަށް ވެސް މެ އެވެ.