10 ޖުލައި 2017 - 12:35

ގުދުސް (ޖުލައި 10) - އިޒްރޭލް ސިފައިން މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަރުނަ ގޭސް ޖެހުމުން ލިބުނު ގެއްލުންތަކުގައި ފަރުވާ ދެމުން ދިޔަ ފަލަސްތީނުގެ 18 މަހުގެ ކުޑަ ކުއްޖާ މަރުވެއްޖެ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އުސާމާ ނައްޖާރު އަލް ޖަޒީރާ އަށް ވިދާޅުވީ އަބްދުއްރަހުމާން ބަރުގޫތީ މަރުވީ ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އޮކްސިޖަން ނުހިފެހެއްޓުމުގެ ސަބަބުން ކަމަށެވެ.
ނައްޖާރު ވިދާޅުވީ ހުޅަނަގު އައްސޭރީގައި އިޒްރޭލް ސިފައިން މެއި 19 ވަނަ ދުވަހު ބަރުގޫތީގެ ގެއަށާއި އެ ކުއްޖާ އޮތް ކޮޓަރި އަށް ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ބަރުގޫތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ. ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ އިޒްރޭލް ސިފައިން ކަރުނަ ގޭސް ޖެހީ ފަލަސްތީނުގެ ގައިދީން ކުރަމުން ދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ތާއިދު ކުރުމުގެ ގޮތުން ފަލަސްތީނުގެ ބަޔަކު އެއްވުމެއް ބޭއްވުމުން ކަމަށެވެ.
ނައްޖާރު ވިދާޅުވީ ބަރުގޫތީ ހޮސްޕިޓަލަށް ގެންދިޔަ އެމްބިއުލެންސަށް އިޒްރޭލުގެ ޖީޕްތަކުން ހުރަސް އެޅުމުން އެންމެ ފަހުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ފައި މަގުގައި ކަމަށެވެ.
އިޒްރޭލް ސިފައިން ކަރުނަ ގޭސް ޖެހުމުގެ ސަބަބުން މެއި މަހު ވެސް ވަނީ ފަލަސްތީނުގެ ހަ އަހަރުގެ ކުއްޖަކު ޒަޚަމްވެފަ އެވެ. އިޒްރޭލް ސިފައިން ކަރުނަ ގޭސް ޖެހުމުން 2015 ވަނަ އަހަރު ވެސް ވަނީ ފަލަސްތީނުގެ 54 އަހަރުގެ މީހަކު ހުޅަނގު އައްސޭރީގައި މަރުވެފަ އެވެ.