11 ޖުލައި 2017 - 11:05

މެޑްރިޑް (ޖުލައި 11) – ރެއާލް މެޑްރިޑުގެ ފޯވާޑް އަލްވާރޯ މޮރާޓާ މި ފަހަރުގެ ޓްރާންސްފާގައި އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.
ރެއާލް މެޑްރިޑުން އެކަށީގެންވާ ފުރުސަތު ނުލިބޭތީ މޮރާޓާ އެ ކްލަބް ދޫކޮށްލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އޭނާ ގެންދަން އެންމެ ފުރަތަމަ މަސައްކަތްކުރީ އޭސީ މިލާނާއި މެންޗެސްޓާ ޔުނައިޓެޑުންނެވެ. ދެ ކްލަބުން ވެސް މަސައްކަތް ހުއްޓާލީ މެޑްރިޑުން 90 މިލިއަން ޔޫރޯގެ އަގެއް ކިއުމުންނެވެ.
ޔުނައިޓެޑުން ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފައިވާއިރު މިލާނުން ވަނީ ޕޯޗުގަލްގެ އަންދްރޭ ސިލްވާގެ ސޮއި ހޯދައިފަ އެވެ. އެހެންވެ މިހާރު މޮރާޓާ ބަދަލުވުމުގެ ފުރުސަތު ބޮޑީ ޗެލްސީ އަށެވެ.
މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލާނެ ކަމަށް ދާދި ފަހުން އަޑުއެރުމާ އެކު މޮރާޓާ މަޑުކޮށްފާނެ ކަމަށް ބެލެވުނެވެ. އެކަމަކު ރޮނާލްޑޯ މިހާރު ވަނީ މަޑުކުރަން ނިންމައިފަ އެވެ.
"މޮރާޓާ ބޭނުންވަނީ ކުޅުމުގެ ގިނަ ފުރުސަތު އަދި ފުރަތަމަ އެގާރައިގައި ހިމެނެން. ހީވަނީ އޭނާ ކްލަބް ދޫކޮށްލާނެހެން. ހިނގާ ބަލަމާ،" ރާމޯސް ބުންޏެވެ.
ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް 2010 އިން 2014 އަށް ކުޅުނު މޮރާޓާ ވަނީ ލޯން އުސޫލުން ޔުވެންޓަސް އަށް ދެ އަހަރު ކުޅެފަ އެވެ. އޭނާ އެ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެނބުރި މެޑްރިޑަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ.