12 ޖުލައި 2017 - 14:33

ދޯހާ (ޖުލައި 12) - މެދުއިރުމަތީގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު، ވިޔަފާރީގެ ދަތިިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގަތަރަށް ވައިގެ މަގުން ގެރި އެތެރެ ކުރަން ފަށައިފި އެވެ.
ގަތަރަށް ވަނީ 4،000 ގެރި އެތެރެ ކުރަން ނިންމައިފަ އެވެ. މީގެ ތެރޭން 165 ގެރި ވައިގެ މަގުން އެތެރެކޮށްފައި ވަނީ ޖަރުމަނުންނެވެ.
ގެރިތައް ގަތަރަށް އެތެރެކޮށްފައި ވަނީ ބުޑަޕެސްޓް މަގުން ގަތަރު އެއާވޭސްގެ ކާގޯ ބޯޓުތަކުގަ އެވެ. ގެރިތައް ގަނެފައި ވަނީ ގަތަރުގެ ކުންފުންޏެއް ކަމަށްވާ ޕަވަ އިންޓަނޭޝަނަލް އިންނެވެ. އެ ކުންފުނީގެ ޗެއާމަން މިދިޔަ މަހު ވިދާޅުވީ ހުރިހާ ގެރިއެއް ލިބުމުން ގަތަރަށް ބޭނުންވާ ޑައެރީ ބާވަތްތަކުގެ 30 ޕަސެންޓް ހަމަޖެއްސޭނެ ކަމަށެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިން ޑައެރީ ޕްރޮޑަކްޓްތައް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.
ގަތަރުގެ 2.7 މިލިއަން މީހުންނަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ތަކެއްޗަކީ ވެސް އިމްޕޯޓް މުދަލެވެ. ގަތަރާ ދެކޮޅަށް އެއްގަމާއި ކަނޑުން އަދި ވައިގެ މަގުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ގަތަރަށް ކުރި ޑިމާންޑްތައް ގަބޫލް ނުކުރުމުން އެ ގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ގަތަރަށް ބޭނުންވާ މުދާ މިހާރު އެތެރެ ކުރަނީ ތުރުކީ، އީރާން އަދި މޮރޮކޯ ފަދަ ގައުމުތަކުންނެވެ.