25 ޖޫން 2016 - 09:12

ނަރްގިސް ފަޚްރީގެ އާ ފިލްމުތަކެއް ރިލީޒްވުމަށް ތައްޔާރުވަމުންދާއިރު ނަރުގިސް ބުނަނީ ބޮލީވުޑެކޭ އެއްގޮތަށް ހޮލީވުޑްގައި ވެސް ފިލްމީ ކެރިއަރެއް ބިނާކުރަން ބޭނުން ކަމަށެވެ.
ނިއު ޔޯކަށް އުފަން އަދި އެތަނުގައި އުޅެ ބޮޑުވި ނަރްގިސް ވަނީ ޕޯލް ފީޖްގެ ފިލްމެއް ކަމަށްވާ "ސްޕައި"ގައި މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އަދި މިހާރުވެސް ހޮލީވުޑް ފިލްމުތަކުގެ އޮޑިޝަންތަކުގައި ބައިވެރިވުމަކީ ނަރުގިސް ބޭނުންވާ ކަމެކެވެ.
"ރޮކްސްޓާ" އިން ބޮލީވުޑަށް ތައާރަފްވި ނަރްގިސް ބުނަނީ ހޮލީވުޑާއި ބޮލީވުޑަކީ ވެސް އެކްސިޑެންޓަކުން ވަދެވުނު ތަންތަން ކަމަށެވެ.
އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ސްޕައި" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ އެ ފިލްމުގައި އޭނާއަށް ކުޅެން ލިބުނު ރޯލު ކުޑަ ނަމަވެސް ޕޯލް ވީގް ކަހަލަ މީހެއްގެ ފިލްމެއްގައި ބައިވެރިވާން ލިބުނު ފުރުސަތު ނަގާލަން ބޭނުން ނުވީ ކަމަށެވެ.
އަދި މިހާރު ބޮލީވުޑް ފިލްމުތައް ކުޅޭތީ ހޮލީވުޑް ފިލްމުތަކުގެ އޮޑިޝަންތަކަށް ދާނެ ވަގުތު ނުލިބޭ ކަމަށް ނަރްގިސް ބުންޏެވެ. އަދި ހޮލީވުޑް ފިލްމުތައް ކުޅުމުގެ ބޭނުމުގައި ބޮލީވުޑް ފިލްމުތައް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ދެ އިންޑަސްޓްރީގައި މަސައްކަތްކުރާނެ ފުރުސަތު ވެސް އެއްވަރަކަށް ލިބުން ކަމަށް ވެސް ނަރްގިސް ބުންޏެވެ.
ނަރްގިސްގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްވި "ހައުސްފުލް 3"ގެ ޕްރޮމޯޝަން ފެށިފައިވަނިކޮށް، ބަލިވެގެން ކަމަށް ބުނެ އޭނާ ވަނީ ނިއު ޔޯކަށް ގޮސްފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އަނެއްކާވެސް މުމްބައި އަށް އެނބުރި ގޮސް "ބަންޖޯ"ގެ ޝޫޓިންގައި އޭނާ ވަނީ ބައިވެރިވާން ފަށާފަ އެވެ. މި ފިލްމުގައި ބަތަލުގެ ބައި ކުޅެނީ ރިތޭޝް ދޭޝްމުކް އެވެ.