17 ޖުލައި 2017 - 20:14

ނިއު ދިއްލީ (ޖުލައި 17) - އިންޑިއާގައި އާ ރައީސަކު އިންތިޚާބު ކުރުމަށް ޕާލަމެންޓުގެ ދެ ގޭގައި މިއަދު ވޯޓުލާން ފަށައިފި އެވެ.
ރައީސްކަމުގެ މަގާމަށް ވާދަކުރަނީ ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން އިރުމަތީގެ ބިހާރު ސްޓޭޓުގެ ގަވަރުނަރު އަދި ގާނޫނީ ވަކީލްކަން ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި 71 އަހަރުގެ ރާމް ނާތު ކޮވިންދާއި އިންޑިއާގެ ޕާލަމެންޓުގެ ފުރަތަމަ އަންހެން ރައީސްގެ މަގާމު ހޯއްދެވި އަދި ކުރީގެ ފެޑެރަލް މިނިސްޓަރެއް ކަމަށްވާ 72 އަހަރުގެ މީރާ ކުމާރެވެ. އޭނާ އަށް ވަނީ އިދިކޮޅު ކޮންގްރެސް ޕާޓީން ތާއީދުކޮށްފަ އެވެ. އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ކޮވިންދެވެ.
އިންޑިއާގެ މިހާރުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ސިޔާސީ ތަޖްރިބާކާރު ޕްރަނާބް މުކަރުޖީގެ ފަސް އަހަރުގެ ދައުރު މި މަހު 24 ގައި ހަމަވާނެ އެވެ.
ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ނޭޝަނަލް އަދި ސްޓޭޓް އެސެމްބްލީތަކުގައި މިއަދު ވޯޓުލާނެ ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ވޯޓުތައް ގުނާނީ މި މަހު 20 ވަނަ ދުވަހު އެވެ. ޕާލަމެންޓުގެ ބޫތަށް ފުރަތަމަ ވޯޓުލެއްވި މީހުންގެ ތެރޭގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވަ އެވެ. އިންޑިއާގެ ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އޮންނަނީ ބީޖޭޕީ އަށެވެ. އަދި 29 ސްޓޭޓުގެ ތެރޭން 17 ސްޓޭޓުގައި ވެރިކަން ހިންގަނީ ބީޖޭޕީއާ ގުޅިފައިވާ ޕާޓީތަކުންނެވެ.
އިންޑިއާގެ ރައީސް މަގާމުގައި ހުންނަވާނީ ރަމްޒީ ގޮތެއްގަ އެވެ. ސަރުކާރު ހިންގާނީ ބޮޑު ވަޒީރެވެ. ނަމަވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބޭ ހާލަތްތަކުގައި ރައީސްގެ ދައުރު ބޮޑެވެ. އަދި ސްޓޭޓްތަކުގެ ސަރުކާރުތައް އުވާލުމުގެ ބާރު ރައީސް އަށް ލިބިގެންނެވެ.