19 ޖުލައި 2017 - 17:59

ކާބުލް (ޖުލައި 19) - ތުރުކީގައި ދުވަސްތަކަކު އުޅުއްވުމަށް ފަހު އަފްޣާނިސްތާނުގެ ނައިބް ރައީސް އަބްދުއް ރާޝިދު ދުސްތުމް ގައުމަށް އެނބުރި ވަޑައިގަތުމުން މަތިންދާ ބޯޓު ޖެއްސުމުގެ ހުއްދައެއް ނުލިބުނެވެ.
ނައިބް ރައީސް ދުސްތުމްގެ ބޯޓު ޖެއްސުން ހުއްޓުވީ ކޮން ފަރާތަކުން ކަމެއް ނޭނގެ އެވެ. ނަމަވެސް ރައީސް އަޝްރަފް ޣަނީއާ ގުޅުން އޮންނަ ފަރާތްތަކުން ބުނެފައި ވަނީ ނައިބް ރައީސް އެނބުރި ވަޑައިގެންނެވީ ސަރުކާރާ ކޯޑިނޭޓް ކުރައްވައިގެން ނޫން ކަމަށެވެ.
ޖެނެރަލް ދުސްތުމް ގައުމު ދޫކުރައްވާ ވަޑައިގެންނެވީ މިދިޔަ މެއި މަހު އެވެ. އޭނާ ވަޑައިގެންނެވީ ސިޔާސީ ވާދަވެރިން ވަގަށް ނެގުމާއި ސިޔާސީ މީހުންނަށް އަނިޔާ ކުރިކަމުގެ ތުހުމަތު ކޮށްފައިވަނިކޮށެވެ. ދުސްތުމްގެ ތަރުޖަމާން ވިދާޅުވީ އޭނާ ވަޑައިގެންނެވީ މެޑިކަލް ކަމެއްގައި ކަމަށެވެ.
ޖެނެރަލް ދުސްތުމް ވަޑައިގަންނަވާތީ އޭނާ އަށް ތާއިދުކުރާ 1،000 ވަރަކަށް މީހުން މަރުހަބާގެ ލިޔުންތައް ހިފައިގެން އެއާޕޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ކާބުލްގައި ބޯޓު ޖެއްސުމުގެ ހުއްދަ ނުލިބުމުން ވަނީ އަނބުރާލާފައި ތުރުކްމެނިސްތާނަށް ގޮހެވެ.
ޖެނެރަލް ދުސްތުމް އަކީ އަފްޣާނިސްތާނުގެ ދިގު ދެމިގެންވާ ހަނގުރާމައިގައި ހިންގި ޖަރީމާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް އޭނާ ވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި 2014 ވަނަ އަހަރު ހިމެނިވަޑައިގެންފަ އެވެ.
ސިޔާސީ ފަރާތްތަކަށް އަނިޔާ ކުރާ ކަމަށް ޖެނެރަލް ދުސްތުމުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސިޔާސީ ވާދަވެރިއެއް ކަމަށްވާ އަހުމަދު އިސްޗީ ވަގަށް ނެގުމަށް ފަހު އޭނާ އަށް އަނިޔާކުރި ކަމަށް ތުހުމަތުކުރުމާ ގުޅިގެންނެވެ. އިސްޗީ ވިދާޅުވީ ދުސްތުމުގެ އަމުރަށް ނައިބް ރައީސްގެ ގޭގައި ނޮވެމްބަރު 2016 ގައި، 10 މީހުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޖެނެރަލް ދުސްތުމް ވަނީ ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި އިސްޗީ ހައްޔަރު ކުރީ އަފްޣާނިސްތާނުގެ ޖާސޫސީ ފަރާތްތްކުން ކަމަށް ވެސް ދުސްތުމް ވިދާޅުވެފައިވެ އެވެ.