"ހަސީނާ ޕާކާ"އަށް ޝްރައްދާ ނުވަ ކިލޯ ބަރުވި
"ހަސީނާ ޕާކާ"އަށް ޝްރައްދާ ނުވަ ކިލޯ ބަރުވި

ޒުވާން ބަތަލާ ޝްރައްދާ ކަޕޫރުގެ އާ ފިލްމު "ހަސީނާ ޕާކާ"ގެ ޓްރެއިލާއާ އެކު ގިނަ ބައެއްގެ ސަމާލުކަން އެ އިޝްތިހާރަށް ވަނީ ލިބިފަ އެވެ.

ޚާއްސަކޮށް ޝްރައްދާ އެ ފިލްމުގައި ކުޅެފައިވާ ބިރުކުޑަ ހިތްވަރުގަދަ އަދި ނެގެޓިވް ރޯލަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ކުރިން ލޯބީގެ ރޯލުތައް ކުޅެމުން އައި ރީތި ޒުވާން ބަތަލާ މިފަހަރު ވަރަށް ބިރުވެރި އެހާމެ ގަދަފަދަ އަންހެނެއްގެ ރޯލުން ފެނުމަކީ ގިނަ ބަޔަކު އުންމީދު ވެސް ކުރި ކަމެއް ނޫނެވެ. އަނެއްކާ މި ފިލްމުގައި ޝްރައްދާގެ ކެރެކްޓާގެ ހަތަރު ދަރިން ތިބެ އެވެ.

މި ފިލްމުގައި ތަޖުރިބާކުރި ކަންތައްތައް ކިޔައިދެމުން ހިންދުސްތާން ޓައިމްސް އަށް ޝްރައްދާ ކިޔައިދިން ގޮތުގައި އެ ރޯލަށް ފިޓްވުމަށް އޭނާ ނުވަ ކިލޯ ބަރުވާން ޖެހުނެވެ. އަދި އެ ބައި ހިއްކާލަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝްރައްދާ ބުންޏެވެ.

"އެކްޓަރެއްގެ ހައިސިއްޔަތުން މިއީ ވަރަށް ޝައުގުވެރި އަދި ނަފްސާނީ ގޮތުން ގޮންޖެހުންތައް ކުރިމަތިވި ތަޖުރިބާއެއް،" ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޝްރައްދާ ބުންޏެވެ.

"ހަސީނާ ޕާކާ"ގެ ދެ މިނިޓްގެ ޓްރެއިލާގެ ބައެއް މަންޒަރުތަކުގައި އެ ފެންނަނީ ޝްރައްދާ ކަމަށް ގަބޫލު ކުރަން ވެސް ދަތިވަރަށް އޭނާގެ ސިފަޔަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި އަޑަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.

މި ފިލްމުގައި ހަސީނާ ޕާކާގެ އުމުރުން 17 އަހަރުން ފެށިގެން 40 އަށް ވުރެ މަތިވަންދެން ހިނގި ތަފާތު ހާދިސާތައް ދައްކަ އެވެ. އެހެންވެ "އާޕާ"ގެ ނަމުން މަޝްހޫރުވެފައިވާ މި ކެރެކްޓާ ޒުވާން އަންހެންކުއްޖެއްގެ ގޮތުގައި ހުރި އިރުން ފެށިގެން މެދު އުމުރުގެ މީހަކަށްވެފައިވާ ހިސާބަށް ދައްކަ އެވެ.

ހަސީނާ ޕާކާ އަކީ އިންޑިއާގެ މަޝްހޫރު އަންޑަވޯލްޑް ޑޮން ދާވޫދު އިބްރާހީމްގެ ކޮއްކޮ އެވެ. މި ފިލްމުގައި ދާއޫދުގެ ރޯލު އަދާކުރަނީ ޝްރައްދާގެ އަސްލު ބޭބެ ސިދާންތު ކަޕޫރެވެ. ދާއޫދަކީ 1993 ގައި މުމްބައި ހިނގި ބޮން ގޮއްވުމުގެ ހާދިސާގެ އަޑީގައިހުރި މީހާ ކަމަށްވެ އެވެ.

ޝްރައްދާ ބުނި ގޮތުގައި އޭނާގެ ގޭގައި އެންމެ ބޮޑަށް އޭނާ ކުޅޭ ފިލްމުތަކަށް ފާޑުކިޔަނީ ބައްޕަ ޝަކްތީ ކަޕޫރެވެ. މި ފިލްމުގެ ޓްރެއިލާ ފެނުމާ އެކު ފިލްމު ހިޓަކަށް ވާނެ ކަމަށް ބައްޕަ ބުނި ކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާގައި ދައްކަނީ 1993 ގައި މުމްބައިގައި ހިންގި ބޮން ގޮއްވުމުގެ ހާދިސާތަކުގެ ޒިންމާވާން ޖެހޭ ފަރާތަކީ ހަސީނާގެ ބޭބެ ދާއޫދުކަމަށް އިންޑިޔާ ފުލުހުން ނިންމި ހިސާބުން ހަސީނާއަށް ކުރިމަތިލާން ޖެހުނު ތަފާތު އުނދަގޫތަކާއި ތަހައްމަލުކުރަން ޖެހުނު ކަންތައްތަކެވެ.

އަޕޫރްވާ ލަކިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރާޖޭޝް ޓައިލަންގް، އަންކޫރް ބާޓިއާ އަދި ސުނިލް އުޕާދްޔޭ މުހިއްމު ބައިތައް ކުޅެފައިވާ މި ފިލްމު އޮގަސްޓް 18 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.