25 ޖޫން 2016 - 14:01

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް، އެ ރަށު ކުޅި އާއި އިރުމަތީ ސަރަހައްދުގެ އީއައިއޭ ހަދައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެއާޕޯޓު ހަދާނެ އެކަށީގެންވާ ތަނެއް ހިޔާރުކުރުމަށް އީއައިއޭ ހެދުމަށް މި މަހު ކުރީކޮޅު، ކުޅީގެ ޗަކަ އާއި ވެލި ފަދަ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެކަމަކު އޭގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ހެދުމަށް ސަރުކާރުން އެންމެ ފުރަތަމަ ވެސް ނިންމާފައިވަނީ ކުޅި ހިއްކައިގެން ނުވަތަ އިރުމަތީ ސަރަހައްދުގަ އެވެ.
ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު މި މަސައްކަތް ދާ ސްޕީޑާ މެދު އެ ރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަލީ ވިދާޅުވީ މި ދާ ސްޕީޑުން 2018ގެ ކުރިން އެ ރަށުގައި އެއާޕޯޓެއް އެޅޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް ސަރުކާރުން ކައުންސިލާ ހިއްސާ ނުކުރާ ކަމަށާއި އެއީ އެ ކައުންސިލުން ކަންބޮޑުވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތުގައި ވާނުވާއެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެކަމަކު އެނގޭހާ ވެސް އެއްޗަކީ ކުޅުދުއްފުށީގައި ކޮންމެހެން ވެސް އެއާޕޯޓެއް އަޅަން ޖެހޭނެކަން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ތުހުމަތު ކުރާ ގޮތުގައި މި މަސައްކަތުގައި ސަރުކާރުން ވަނީ ކަންތައްތަކެއް އޮޅުވާލާފަ އެވެ. އެގޮތުން އެއާޕޯޓު ހަދަން ބިން ހިއްކުމުގެ މަސައްކަތް، އިންޑިއާ ބަޔަކާ ހަވާލު ކުރި ކަމަށް އިއުލާނު ކުރި ކަމަށާއި އެކަމަކު އީއައިއޭ ހެދީ އޭގެ ފަހުން ކަމަށް އެތަނުން ބުންޏެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އީއައިއޭ ނުހަދައި ނުވަތަ އެއާޕޯޓު ހަދާނެ ބިމެއް މުޅިން ނުނިންމައި ބިން ހިއްކާކަށް ބަޔަކާ ހަވާލެއް ނުކުރާނެ. އަދި މިއީ ގަބޫލު ކުރެވޭނެ ވެސް ކަމެއް ނޫން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ އެއްވެސް މިސްރާބެއް ނެތް ގޮތަކަށެވެ.