23 ޖުލައި 2017 - 06:23

އިންޑިއާގައި، އުމުރުން 25 އަހަރުގެ ޒުވާނަކު ސައިކަލެއްގައި ދަނިކޮށް އެހެން ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އެއްވެސް މީހެއްގެ އަޅާލުން ނުލިބި މަރުވެއްޖެ އެވެ.
ސަތީޝް ޕްރަބާކަރް މީޓީ ނަމަކަށް ކިޔާ މި މީހާގެ ގައިން ވަރަށް ބައިވަރު ލޭ ފައިބަމުން ދިޔަ އެވެ. އެމީހާ އެހީއަށް އެދެމުން ދިޔައިރު މަންޒަރު ބަލާށާއި ފޮޓޮ އާއި ވީޑިއޯ ނަގަން މީހުން ތިބީ އެވެ. އެ މީހާއަށް އެހީތެރިވާކަށް އެއްވެސް މީހަކު ނައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ސަތީސް މަގުމަތީގައި އޮންނަތާ ބައިގަޑިއެއްހާއިރު ފަހުން އެހީވީ ޑެންޓިސްޓެކެވެ. އޭނާ ގޮސް ސީއާރުޕީ ދީގެން ނޭވާ ލެއްވޭތޯ މަސައްކަތް ކުރި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސަތީޝް އޮތީ މަރުވެފަ އެވެ.
އެހީވި ޑެންޓިސްޓް ބުނި ގޮތުގައި އޮޓޯގައި އޭނާ އެހިސާބުން ދަނިކޮށް ބަޔަކު މީހުން އެއްވެގެން އުޅޭތީ ބެލި އިރު ބިންމަތީގައި އޮތް މީހަކު ފެނުނެވެ. ވަގުތުން އަވަސް ފަރުވާ ދިން ކަމަށާއި އެކަމަކު ސަލާމަތް ނުކުރެވުނު ކަމަށް ޑޮކްޓަރުން ބުންޏެވެ.
ޑޮކްޓަރު ބުނީ އޮޓޯރިކްޝާގައި ވެސް ސީއާރުޕީ ދިން ކަމަށާއި އޭރު އޭނާޔަށް ނޭވާ ވެސް ލެވުނު ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ދިޔުމަށް ކުރި ދަތުރުގައި ނެގި 15 ވަރަކަށް މިނިޓްގެ ތެރޭގައި ސަތީޝް މަރުވީ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ބުންޏެވެ.
ޑޮކްޓަރު ބުނީ އެކްސިޑެންޓްވި ވަގުތު އަވަހަށް ހޮސްޕިޓަލަަށް ގެންދެވުނު ނަމަ ސަތީޝްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށެވެ.
އެކްސިޑެންޓްވާ މީހުންނަށް އަޅާނުލައި އެފަދަ މީހުން މަރަށް ތެޅި މަރުވާ މަންޒަރު ފޮޓޮ އާއި ވީޑިއޯކޮށް ސޯޝަލް މީޑިއާ އަށް ލުމަކީ އިންޑިއާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެކްސިޑެންޓުވާ މީހުންނަށް އަޅާނުލަނީ އިންޑިއާގެ ބައެއް ގާނޫނުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށް އޮންނަނީ ބެލެވިފަ އެވެ.