24 ޖުލައި 2017 - 14:20

މި ސީޒަނުގައި ރެކޯޑް އަގަކަށް ވިކްޓަރީ އަށް ބަދަލުވި އެ ޓީމުގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.
މިއީ މާޒިޔާ އަށް އީސަ ބަދަލުވި ތިން ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާޒިޔާ އަށް ކުޅެފަ އެވެ.
އީސަ އަކީ މި ސީޒަނުގައި ވިކްޓަރީ ވަރުގަދަ ކުރުމުގެ ގޮތުން ބޮޑު އަގުގައި އެ ޓީމަށް ގަތް ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓައި ވިކްޓަރީ އަށް ވަނީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ގެއްލިފަ އެވެ.
އީސަ އަކީ ވިކްޓަރީ ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި މާޒިޔާ އަށް ބަދަލުވި ތިން ވަނަ ކުޅުންތެރިއާ އެވެ. ސީރިއާގެ ކީޕަރު މަހުމޫދު އަލް ޔޫސުފާއި ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ ވެސް ވަނީ މާޒިޔާ އަށް ސޮއިކޮށްފަ އެވެ.
ވިކްޓަރީން ކެރިއަރު ފެށި އީސަ ވަނީ އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި އަދި އީގަލްސް އަށް ކުޅެފަ އެވެެ. އީގަލްސް ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އީސަ މިދިޔަ އަހަރު ފެނުނީ މާޒިޔާ އިންނެވެ. އެހެން ނަމަވެސް މުޅި އަހަރަށް ބަލާއިރު އީސަ އަށް މާ ގިނަ މެޗުތަކުން މާޒިޔާ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބެ އެވެ. އޭނާ ކްލަބް ބަދަލުކުރީ ވެސް އެހެންވެ އެވެ.
މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ސީޒަން ފެށިއިރު އެ ޓީމަށް ގެނައި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އެއީ ރޫމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް، ސާބިއާގެ ވިންގް އަލެކްސަންޑަ ރަކިޗް އަދި ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއަޝް އެވެ.
އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް މާޒިޔާ އިން ޓީމު ވަރުގަދަ ކުރާނެ ކަމަށް އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗަށް ފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަނީ ބުނެފަ އެވެ.