25 ޖުލައި 2017 - 18:06

ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 7.8 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ 85،222 ޓޫރިސްޓުންނެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 657،540 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.1 ޕަސެންޓް އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޔޫރަޕުގެ އެންމެ ބޮޑު މާކެޓްތަކުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން އައި އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އެ ގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 15 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެ ގައުމުން ޖޫން މަހު އައިސްފައި ވަނީ 24،160 ޓޫރިސްޓުންނެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނުއިރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދިހަ ޕަސެންޓް ދަށްވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ 28 ޕަސެންޓް ހިއްސާކުރާ ގައުމުން މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 180،561 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޗައިނާ ފިޔަވައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖަރުމަނުން ޓޫރިސްޓުން އައި އަދަދު ވަނީ 49 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިނގިރޭސިވިލާތުން އައި އަދަދު ވަނީ 3.2 ޕަސެންޓް އިތުރުވެފަ އެވެ.