30 ޖުލައި 2017 - 06:30

ސްމާޓްފޯން މާކެޓުން ފެންނަނީ ވާދަވެރިން ފަހައި އެޕަލް ދުވާ ތަނެވެ. ވާދަވެރިންގެ ފޯނުތައް ފީޗާތަކުން ބަންޑުންވާއިރު ވެސް، އެއިން ފީޗާއެއް އައިފޯނަކަށް ނާދެ އެވެ. ސްމާޓްފޯން ފީޗާތަކުގެ ނިސްބަތުން އެޕަލް އަށް އުޅެންޖެހިފައި ވަނީ ތަންކޮޅެއް ފަހަތުގަ އެވެ.
އެމެރިކާގައި 5ޖީ ވަޔަލެސް ބްރޯޑްބޭންޑް ޓެސްޓްކުރުމަށް އެޕަލް އަށް ހުއްދަ ދީފި އެވެ. މާނަ އަކީ ދުވެލި ބާރު އައިފޯނުތައް އުފެއްދުމަށްޓަކައި އެޕަލް އިން ތައްޔާރުވަނީ އެވެ.
ފައިވްޖީ ނެޓްވޯކް އަދި އާންމެއް ނުވެ އެވެ. އެއިން ޑިވައިސްއެއް ފުރިހަމަ މާނާގައި ބޭނުންކުރަން ލިބޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ވާވޭ އާއި މޮޓޮރޯލާ ކަހަލަ މަދު ކުންފުންޏެއް ފިޔަވައި، 5ޖީ ނެޓްވޯކްތައް ކޮޅަށްޖެހުމަށް މަސައްކަތްކުރާ ބަޔަކު ވެސް އަދި ނެތެވެ.
ދުނިޔޭގެ ބާރުގަދަ ގައުމުތަކުގައި 5ޖީ ނެޓްވޯކްތައް ގާއިމުކުރާ ވާހަކަ އެބަ ދައްކަ އެވެ. އެހެން ނަމަވެސް 2020 އަށް ވުރެ ކުރިން އެއިން ކަމެއްގައި އަމަލީ ސިފަ ޖެހި ހިނގައިގަންނާނެ ކަމަކަށް ނުބެލެވެ އެވެ.
އެޕަލް އިން ވިސްނާ ގޮތުގައި އެއީ ވާދަވެރިންނަށް ވުރެ ކުރީގައި އުޅެންޖެހޭ ކުންފުންޏެކެވެ. މަސްރަހު މިހާރު އޮތް ގޮތުން ވާދަވެރިންގެ ފޯނުތައް މުއްސަނދި ނަމަވެސް، އަންނަން ހުރި ޓެކްނޮލޮޖީތައް ކުރިއާލައި ބަލައިގަތުމަށް އެޕަލް އިން މަސައްކަތްކުރަނީ އެވެ.
އެޕަލް އިން 5ޖީ ވަޔަލެސް ބްރޯޑްބޭންޑް ޓެސްޓްކުރި ނަމަވެސް، ކައިރި ތާރީޚެއްގައި އައިފޯނުތައް އެ ފެންވަރަށް ނުދިއުމަކީ ވެސް އެކަށީގެންވާ ކަމެވެ. އެޕަލް އަކީ ވިޔަފާރިން ނަފާ ލިބެން ނެތްހައި ކަމެއް ތައާރުފުކޮށް، ބޭކާރު ގޮތުގައި ދޫކޮށްލާ ކުންފުންޏެއް ނޫނެވެ. އެޕަލް އިން ބޭނުންވާ ގޮތް ކަމަށް ބެލެވެނީ ކުރިއާލައި 5ޖީ އަށް ތައްޔާރުވުމެވެ. އެންމެ މުނާސަބު ވަގުތުގައި ބޭނުންހިފާ ގޮތަށެވެ.