03 އޯގަސްޓް 2017 - 06:33

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ކޭޝާގެ "ރެއިންބޯ" ޓުއާ އަންނަ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.
އުމުރުން 30 އަހަރުގެ ލަވަކިޔުންތެރިޔާ މިހާރު ވަނީ ޓުއާގެ ތާވަލް ވެސް އިއުލާންކޮށްފަ އެވެ. އެގޮތުން ޓުއާ ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 26 ގައި އެމެރިކާގެ އަލަބަމާއިންނެވެ. އަންނަ ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދާ ޓުއާ ނިންމައިލާނީ ނޮވެމްބަރު އެކެއްގައި ލޮސް އެންޖެލިސްއިންނެވެ.
"ރެއިންބޯ" އަކީ ޓުއާއަކީ 2013 ގައި ކޭޝާ ކުރިއަށް ގެންދިޔަ ސޯލޯ ޓުއާ "ވޮރިއާ" އަށް ފަހު، އޭނާ ނިކުންނަ ފުރަތަމަ ސޯލޯ ޓުއާ އެވެ. މި ޓުއާއަކީ އޭނާގެ އެންމެ ފަހުގެ އަލްބަމް "ރެއިންބޯ" ޕްރޮމޯޓް ކުރުމަށްޓަކައި ކުރިއަށް ގެންދާ ޓުއާއެކެވެ.
އެ އަލްބަމްގެ ލަވަތަކުގެ ތެރެއިން "ޕްރޭއިން"، "ވުމަން" އަދި "ލާންޓް ޓް ލެޓް ގޯ" މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. "ރެއިންބޯ" ރަސްމީކޮށް ނެރެން ނިންމާފައި ވަނީ މި މަހުގެ 11 ގަ އެވެ.
"ރެއިންބޯ" ޓުއާގެ ޓިކެޓް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ. ކޭޝާ ކުރިން ވަނީ ދެ އަލްބަމެއް ނެރެފަ އެވެ. އެއީ ވޮރިއާ (2012) އާއި އެނިމަލް (2010) އެވެ.