03 އޯގަސްޓް 2017 - 11:16

މެލޭޝިއާގައި 17 ދިވެހިންނާ އެކު ހިފަހައްޓާފައިވާ ދެ ބޯޓު މިހާރު އޮތީ ރާއްޖެ އަށް ފުރުމުގެ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި ބޯޓު ފުރުވާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ބޯޓުތައް ގަން ދިވެހި ކުންފުނިން މިއަދު ބުނެފި އެވެ.
ރިޓަޔާޑް ކާނަލް މުހައްމަދު ޒިޔާދު ހިންގަވާ ގްރީން ބޮކްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މެލޭޝިއާ އިން ގަތް ދެ ބޯޓުގެ މައްސަލަ ދިމާވީ ވިއްކި ފަރާތުގެ އެޖެންޓު ތަމްސީލުކުރި މީހާ އަމަލްކުރި ގޮތުން ކަމަށެވެ. ބޯޓު އޮތް ތަނުން އެހެން ތަނަކަށް ގެންދަން އުޅުމުން އެއީ ބޯޓު ފުރުވާލަން އުޅުން ކަމަށް ބޯޓު ވިއްކި ފަރާތަށް ހީވީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ނަމަވެސް މި ހާދިސާގައި ބޯޓު ފުރުވާލުމަށް އެއްވެސް އިރުޝާދެއް މި ކުންފުނީގެ ފަރާތުން ދީފައި ނުވާނެ ކަމަށާއި މެލޭޝިއާ އެމްބަސީ މެދުވެރިކޮށް މިހާރު އެކަން މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކަށް ސާފު ކޮށްދެވިފައިވާނެ ކަމަށް ވެސް ދަންނަވަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ އެ މައްސަލަ ދިމާވުމުން ގްރީން ބޮކްސްގެ ލޯޔަރުންގެ ޓީމުންވަނީ މިދިޔަ މަހުގެ 28ގައި ވިއްކާ ފަރާތާއި އެޖެންޓާ އެކު ސިންގަޕޫރުގައި ބައްދަލު ކުރުމަށް ފަހު ދެ ފަރާތުގެ ދެމެދުގައި ދިމާވެފައިވާ އޮޅުންތައް ހައްލުކޮށްފައި ކަމަށެވެ. އަދި ވިއްކާ ފަރާތާއި އެޖެންޓުގެ ފަރާތުން ވެސް އެކަން ހިނގާފައިވަނީ ކަން ހިނގައިދިޔަ ގޮތުގެ ސަބަބުން އެ ފަރާތަށް ވެސް އެރި އޮޅުންތަކެއްގެ ސަބަބުންކަން ގަބޫލުކޮށް އެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމުގެ ގޮތުން މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް ގްރީން ބޮކްސް އިން ބުންޏެވެ.
"މި ހާދިސާގައި ހައްޔަރުކޮށްފައިވާ އެންމެހައި ފަރާތްތައް މިހާރުވަނީ ދޫކޮށްލާފައި. އަދި އެ ފަރާތްތަކަށް ދިވެހިރާއްޖެ އަށް ފުރުމުގައި އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރަން،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"މިހާރު"ގައި އިއްޔެ ޖެހި ހަބަރުގައި މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ގްރީން ބޮކްސް އިން ބުނީ އެ ކުންފުނީގެ ޕޮލިސީ ހަމަޖެހިފައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ވެސް ދިނުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އެހެންކަމުން މިދިޔަ މަހުގެ މުސާރަ ދީފައި ނުވާކަމަށް ނުބުނެވޭނެ ކަމަށް ގްރީން ބޮކްސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ކުންފުންޏާއި ބޯޓުތައް ވިއްކާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައިވާ ގޮތަށް މިހާތަނަށް ގްރީން ބޮކްސްގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ވެސް އެޖެންޓް މެދުވެރިކޮށް ވިއްކާ ފަރާތަށް ދައްކާފައިވާ ކަމަށެވެ.