ޖަލްސާ ނުފެށެނީސް ސިފައިން މަޖިލީހުގެ ތަޅުމަށް ވަން މައްސަލަ ބަލަން އެދެފި
ޖަލްސާ ނުފެށެނީސް ސިފައިން މަޖިލީހުގެ ތަޅުމަށް ވަން މައްސަލަ ބަލަން އެދެފި

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުފެށެނީސް ސިފައިން ތަޅުމަށް ވަން މައްސަލަ ބަލަން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އިމްތިޔާޒް މައްސަލައެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލާގައި ބުނަނީ މަޖިލީހުގެ މާލަމުގައި މެމްބަރުން ތިއްބަވަނިކޮށް، ސިފައިން އެތަނަށް ވަދެގަނެ، މެމްބަރުންގެ ގަޔަށް އަތްލުމުގެ ގާނޫނީ ބާރު ދީފައިނުވާ ކަމަށެވެ. އެގޮތަށް އަތްލުމަކީ ކަނޑައެޅިގެން ޣައިރު ގާނޫނީ އަދި ޖިނާއީ ކުށެއް ކަމަށް ވެސް އަލީގެ މައްސަލާގައިވެ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސިފައިންނަށް މެމްބަރުންގެ ގައިގައި އަތްލެވޭނެ ހަމައެކަނި ގޮތަކީ މަޖިލީހުގެ ރިޔާސަތުގައި މީހަކު އިނދެ، ޖަލްސާ ފެށުމަށް ފަހު، މަޖިލީހުގެ ނިޒާމު ގެއްލުވާލުމުގެ އަމަލެއް މެމްބަރަކު ހިންގުމުގެ ސަބަބުން އެ މެމްބަރެއްގެ ނަން އިއްވުމުން ވެސް މާލަމުން ނުކުންނަން ދެކޮޅު ހަދާ ނަމަ އެވެ. އޭރުން ވެސް އެކަން ކުރެވޭނީ މަޖިލިހުގެ ރިޔާސަތުން ސާޖެންޓް އެޓް އާމްސްއަށް އެ މެމްބަރެއް ނެރެން ލިޔުމުން އެންގުމުންކަން މައްސަލާގައި ބުނެފައިވެ އެވެ.

އެކަމަކު އެދުވަހުގެ ޖަލްސާ ފެށުމުގެ ކުރިން ސިފައިން، މަޖިލީހުގެ މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި، ބައެއް މެމްބަރުން ވައްޓާލައިފައިވާ ކަމަށާއި އެއީ ގާނޫނީ ބާރު ލިބިގެން ސިފައިން ހިންގި އަމަލުތަކެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.

"ސިފައިން އަމަލުކޮށްފައި ވަނީ ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ށ) އާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާއިން މަޖިލީހުގެ މެންބަރުންނަށް ސަލާމަތާ ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ނުވަތަ ސިފައިންގެ މައްޗަށް ލާޒިމުކޮށްފައި އޮތް އޮތުމާ ހިލާފަށް،" ކަމަށް މައްސަލާގައި ފާހަގަކުރި އެވެ.

މެންބަރުން ހުށަހެޅި މައްސަލަތައް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެ ދުވަހު ބޭރުކޮށްލެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ މެންބަރުންގެ މަސައްކަތަށާއި ގާނޫނީ ވާޖިބަށް ހުރަސްއެޅުއްވުން ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އެހެންކަމުން، އޭނާ ވިދާޅުވީ، އެއީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް ކަމަށެވެ.