27 ޖޫން 2016 - 07:57

ޖޫން 23 ގެ ބަޔާ ގުޅޭ
ހައިދަރަށް ވާހަކައެއް ނުދެއްކެ އެވެ. އަތާއި ފައިގެ ބޭނުމެއް ނުކުރެވެ އެވެ. އަނގައިން އަބަދުވެސް ސޮނި ފައިބަފައިބާ ހުރެ އެވެ. އެނދުމަތީގައި އޮންނަން އުނދަގޫވާކަން ބުނެދެނީ އަތަށް ގެންނަ އިޝާރާތަކުންނެވެ. އެހާ ހިސާބުން ދެން ޖެހޭނީ ނަގައި، ވީލްޗެއާގައި ބައިންދާށެވެ.
ކާން ދިނުމަކީ އެންމެ އުނދަގޫ އެއް މަސައްކަތެވެ. ކޮންމެ ކޮންމެ އެއްޗެއް ނުކެވޭތީ އޭނާ އަށް ދެނީ އެކަހަލަ ބަލިތަކުގެ ކުދިންނަށް ހަދާފައި ހުންނަ ޚާއްސަ ފޯމިއުލާއެކެވެ. ގިރާފައި ދޭ މި ފޯމިއުލާ ވެސް އޭނާގެ އަރުތެރެއަށް ދާނީ ގިނަ ވަގުތު މަސައްކަތްކޮށްގެންނެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު ހައިދަރު ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އުނދަގޫ އަދި އެހާމެ ކެތްތެރިކަމާއި ލޯބި ވެސް ބޭނުންވެ އެވެ.
ސާދިޔާ އަސްލު ދައްކަމުން ދިޔައީ އެ ލޯތްބެއް ނޫނެވެ. ޝިޔާމް އަށް ނުފެންނަ ވަގުތުތަކުގައި ހައިދަރާ މެދު އިހާނެތިކޮށް އަމަލްތައް ބެހެއްޓި އެވެ. ވީލްޗެއާ އިން ނަގާ އެނދުމަތީ ބޭއްވުމުގެ ބަދަލުގައި އެނދު މައްޗަށް ވައްޓާލަ އެވެ. ފާހާނާ އަށް ވައްދާފައި، ނޭވާލާން އުނދަގޫވާ ވަރަށް މޫނުމައްޗަށް ފެން އަޅަ އެވެ. ސޮނި ފޮހެލަމުން އަނގަ ތެރެއަށް ރުމާ ވައްދައިގެން ހިފަހައްޓަ އެވެ. ހައިދަރު ބައެއް ފަހަރަށް ކޮށިއަރައި، ހޮޑުލާން ފަށަ އެވެ.
އެއިން އެއްވެސް ކަމެއް ޝިޔާމަކަށް ނުފެނެ އެވެ.
ހައިދަރަކީ ތިމަންނަގެ ވެސް ދަރިއެކޭ ބުނިބުނުން ދިޔައީ ވައިގެ ތެރެއަށެވެ. އެންމެ ފަހުން ދަރިއެއް ނެތުމުގެ އުނިކަން އިހުސާސްކުރެވޭ ވާހަކަ ޝިޔާމް ގާތު ސާދިޔާ ދައްކަން ފެށި އެވެ. ރޭގަނޑު ނިދަން އޮވެ ރޮމުންނެވެ. ސާދިޔާގެ އެ ވާހަކަތައް ޝިމާޔަށް ގަބޫލުކުރެވުނެވެ. ޒުވާން އަންހެނަކު، ދަރިއެއް ނެތި، ދިރިއުޅުން ހޭދައެއް ނުކުރާނެ އެވެ. ދަރިންނަކީ ކައިވެނީގައި ފަހުން އަޅާލެވޭ ބިންގަލެވެ. އެ ދެ މީހުންގެ އެ ބިންގަލެއް ނެތެވެ.
ޝިޔާމް ނިންމީ މުޅިން އެހެން ގޮތަކަށެވެ. އެކަން އޭނާ އިއުލާންކުރީ ރޭގަނޑު ނިދަން އޮވެފަ އެވެ.
"މަ ގަބޫލުކުރަން ސާދިޔާ ތިވަނީ ގުރުބާނީއެއްކަން. ހައިދަރަށްޓަކައި ތި އުފުލާ ބުރަ އަހަންނަށް ފެނޭ. ހައިދަރު ބޭނުންވަނީ އެކަހަލަ ލޯތްބެއް. އޭނާ އަށް އުނދަގޫވާނެ މިހާރު ސާދިޔާއާ ނުލާ އުޅެން،" ޝިޔާމް ވާހަކަ ދެއްކި އެވެ.
ސާދިޔާ އޮތީ، ކޮޓަރީގެ ހިތްގައިމު ފަންގިފިލާއާ ދިމާއަށް ބަލަހައްޓައިގެން، އަޑުއަހާށެވެ.
"އަހަރެން މިހާރު ނިންމައިފިން ސާދިޔާ އަށް ހަދިޔާއެއްގެ ގޮތުގައި އެއް ގެ ރަޖިސްޓްރީކޮށްދޭން،" ޝިޔާމް ބުންޏެވެ.
އެއީ ރަނގަޅު އަޑެއް ހެއްޔެވެ؟ ސާދިޔާ އަށް އަމިއްލަ އަށް ސުވާލުކޮށްލެވުނެވެ. އެކަމަކު ހައިރާންވެގެން އެނބުރޭކަށް ބޭނުމެއް ނުވި އެވެ. އޭނާ އޮތް ގޮތަށް އޮތީ އެވެ. ޝިޔާމް ހީކުރީ އުފަލުން ގޮސް ކޮންމެވެސް އެއްޗެކޭ ބުނާނެ ކަމަށެވެ. އެފަދަ ހަރަކާތެއް ނުފެނުމުން، ސާދިޔާ އަކީ އަމިއްލަ އެދުމެއް ނެތް އަންބެއްކަމަށް ޝިޔާމަށް އިހުސާސްކުރެވުނެވެ.
"ސާދިޔާ، އަހަރެން ބުނި ވާހަކަ އަޑުއިވިއްޖެތަ؟" ޝިޔާމް އަހާލި އެވެ.
ސާދިޔާ މަޑުމަޑުން އެނބުރި ޝިޔާމާ ހަތަރުކަޅި ހަމަކޮށްލި އެވެ.
"ކީކޭ ތި ކިޔަނީ؟" ސާދިޔާ ސުވާލުކުރި އެވެ.
"ހެންވޭރުގައި ހުރި ގެ ސާދިޔާ އަށް ދޭންވެގެން މި އުޅެނީ. ބޭނުމެއް ނޫންތަ؟" ޝިޔާމް ބުންޏެވެ.
"ގޭ ވާހަކައެއް އަހަންނެއް ނުބުނަން ދޯ. އަހަރެން މި ބުނަނީ ދެ މީހުންގެ ކައިވެންޏަށް ހާދަ ރަނގަޅުވީސް ދޯއޭ ކުއްޖަކު ހުރި ނަމަ. އަނެއްކާ ހައިދަރު ވެސް ކިހާ އުފާވާނެހޭ،" ސާދިޔާ ބުންޏެވެ.
"ތިކަން އެނގޭ. އެކަމަކު އަހަރެން ބޭނުމެއް ނުވޭ ސާދިޔާގެ ލައިފަކީ ބޭކާރު އެއްޗަކަށް ހަދާކަށް. ސާދިޔާ ބޭނުންނުވިޔަސް މި ހަފުތާގައި އެކަމާ އުޅޭނަން. ހަމައެކަނި ކޮށްދޭން ޖެހޭނެ ކަމަކީ ހައިދަރާއި އަހަރެންގެ ކަންކަން ބެލެހެއްޓުން،" ޝިޔާމް ބުންޏެވެ.
ސާދިޔާގެ މޫނު މައްޗަށް ލޯބީގެ ހިނިތުންވުމެއް ވެރިވި އެވެ. އޭނާ ފިރިމީހާގެ ގައިގައި ފިރުމާލި އެވެ.
"ޝިޔާމާއި ހައިދަރު ނޫން ދެން ކާކު އަހަރެންގެ ލައިފްގައި ހުރީ؟" އޭނާ ބުންޏެވެ.
މި ދުނިޔޭގައި ބައެއް ފަހަރަށް ކަންކަން ހިނގަނީ އެހެން މީހުންނަށް ވިސްނަން ވެސް ނޭނގޭ ކަހަލަ ގޮތަކަށެވެ. މީހުންނަށް ކުއްލިއަކަށް އިތުބާރު ކުރެވި، މުޅި ދިރިއުޅުން ބަދަލުކޮށްލަ އެވެ. ލޯބީގައި ޖެހި ރަނގަޅާއި ނުބައި ވަކިނުވާ ވަރަށް ވިސްނުން ކިލަނބުކޮށްލަ އެވެ. އިތުބާރު ކުރެވޭލެއް ބޮޑުކަމުން، ފަހަތުގައި ހިންގާ ނުބައި ރޭވުންތައް ރޭކާލާ ވަރެއް ނޫނެވެ.
ކޮންމެ ބުރިއެއްގައި ތިން ކޮޓަރީގެ ދެ އެޕާާޓްމަންޓް ހުރި، އެންމެ ޒަމާނީ ފެންވަރުގެ 10 ބުރީގެ ގެއެއް ސާދިޔާއަށް ލިބުމަކީ ހަގީގަތުގައި އޭނާ މިލިއަނަރަކަށް ވުމެވެ. އެކަމަކު އެހާ ހިސާބުން ވެސް އޭނާގެ އަމިއްލަ އެދުން ފަސް އަޅާ ފޮރުވާލީކީ ނޫނެވެ. އެ އެދުން ދިޔައީ ހައްތަހާ ބޮޑުވަމުން، ފުޅާވަމުންނެވެ. އެންމެ ފަހުން ޝިޔާމްގެ ޗެކްތަކުގައި ސޮއިކުރުމުގެ ބާރު ވެސް އޭނާ އަށް ލިބުނެވެ. މިހާރު އެއީ ޝިޔާމްގެ ވިޔަފާރީގެ އެއް ބަ އެވެ.
އެ ހުރިހާ ކަމަކަށް ނެގީ ތިން އަހަރެވެ.
އޭގެ ފަހުން ރާއްޖެ އިން ބޭރަށް ސާދިޔާ މާ ގިނައިން ދަތުރުކުރަން ފެށި އެވެ. އެކަމަކު ޝިޔާމަށް ސުވާލުކުރުމުގެ ފުރުސަތު ލިބޭ ގޮތަކަށް ނޫނެވެ. ވިޔަފާރީގެ ތެރެއަށް އާ ބްރޭންޑްތައް ވައްދައި، ބައެއް ފިހާރަތައް ދުނިޔޭގެ މަޝްހޫރު އުފެއްދުންތަކުން ފުރާލި އެވެ. އެހެންކަމުން އެ ދަތުރުތަކަކީ ދެ މީހުންގެ ވިޔަފާރީގެ ކުރިއެރުމުގެ ބައެއްކަން ޝިޔާމް ގަބޫލުކުރި އެވެ.
ދެން ފާހަގަވާން ފެށީ ދަރިފުޅުގެ މިޒާޖަށް އަންނަން ފެށި ބަދަލުތަކެވެ. ކުރިން ނަމަ ޝިޔާމް ފެންނަ ކޮންމެ ފަހަރަކު ހައިދަރުގެ މޫނު މައްޗަށް ހިނިތުންވުން ވެރިވެ އެވެ. ދަރިފުޅުގެ އަތްތިލާގައި ކޮއްޓަން ފެށުމުން އޭނާ ހޭން ފަށަ އެވެ. އެއީ އަބަދުވެސް ޝިޔާމް ކުރަމުން އަންނަ ސަމާސާއެކެވެ. ނަމަވެސް ފަހުން އައިސް ފެންނަނީ ހައިދަރު ހުއްޓިފައި އިންނަ ތަނެވެ. ކުއްލިއަކަށް ލޮލުން ކަރުނަ ފައިބަން ފަށަ އެވެ. ހަޅޭއްލަވަން އުޅޭހެން ހީވެ އެވެ. އަތްތިލާގައި ކިތައްމެ ވަރަކަށް ކޮއްޓިއަސް ހިނިތުންވުމެއް ނެތެވެ.
އެއް ރޭ ހައިދަރުގެ ގައި ދޮއްވައި ރީތިކޮށްގެން ފާހާނާ އިން ނެރެ އެނދުމަތީ މަޑުމަޑުން ބޭއްވި އެވެ. ގައިގައި ފުށް ޖަހަންވެގެން އެއްޗެހި ހިފައިގެން އައި ވަގުތު އޭނާ އަށް ފެނުނީ ހައިދަރުގެ ލޮލުން ކަރުނަ އަންނަން ފެށި ތަނެވެ. ދަރިފުޅު ރޮނީ އެވެ. އެއީ ދުވަހަކު ވެސް ޝިޔާމަށް ފެނުނު މަންޒަރެއް ނޫނެވެ. އޭގެ ކުރިން ނަމަ ފެންވެރުވުމުން އޭނާ އަށް ލިބެނީ އުފަލެކެވެ. އެނދުމަތީ ބާއްވައި، ރީތިކުރާ އިރު ހެމުން ގެންދާނެ އެވެ.
ދަރިފުޅުގެ ކަރުނަ އަންނަމުން ދިޔަ ދެ ލޮލަށް ބަލަން ޝިޔާމް އިށީދެގެން އިނެވެ. ދެން ކުއްލިއަށް ކޮޓަރި އަށް ވަނީ ސާދިޔާ އެވެ. އޭނާ އައިސް އެނދު ކައިރީ ހުއްޓި ބަލައިލި އެވެ.
"ހައިދަރު މިހާރު މާ ގިނައިން ރޮނީ ކީއްވެ؟" ޝިޔާމް ބުންޏެވެ.
ސާދިޔާއާ ދިމާއަށް ޝިޔާމް ބަލަން އިން އިރު ހައިދަރުގެ ދެ ކަޅި ވަރަށް އަވަސް އަވަހަށް ދެ ކޮޅަށް ހިންގަމުންދިޔަ އެވެ. ސާދިޔާ ފެނުމުން އޭނާ ބިރުގަންނަނީ ކަމެއް ޝިޔާމަކަށް ނޭނގެ އެވެ.
"ޑޮކްޓަރަށް ދައްކަން ވީނު،" ސާދިޔާ ބުންޏެވެ.
ޑޮކްޓަރުގެ ނަން އައުމާ އެކު ހައިދަރު ދެކޮޅަށް ތެޅެން ފެށި އެވެ. އޭނާގެ ދެ އަތް ހޫރަން ފެށި އެވެ. އަބަދުވެސް ޑޮކްޓަރުގެ ނަން އިވުނީމާ އޭނާ އަންނަނީ ރުޅި އެވެ.
"ދަރިފުޅާ، ޑޮކްޓަރަކަށް ނުގެންދާނަން. ދަރިފުޅު ރަނގަޅޭ، ދަރިފުޅަށް ކަމެއް ނުވެއޭ. ބައްޕަ އަށް ހީވީ ދަރިފުޅު ބަލިއްޔޭ. ދަރިފުޅު ބައްޔެއް ނޫނޭ،" ހައިދަރުގެ ދެ އަތުގައި މަޑުމަޑުން ހިފާލައި، އޭނާ ހަމަޖައްސަން މަސައްކަތްކުރަމުން ޝިޔާމް ބުންޏެވެ.
އެރޭ ނިދަން އޮތް އިރު ޝިޔާމް ވާހަކައެއް ނުދައްކަ އެވެ. ސާދިޔާ ވަރަށް ގިނަ ސުވާލުތައް ކުރި އެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ދެން އޭނާ ވަނީ ފާހާނާ އަށެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހައިފި އެވެ.
ފާހާނާ ތެރެއިން ސާދިޔާ އަށް އިވުނީ އަޑެކެވެ. އޭނާ ދުވެފައި ގޮސް ބަލައިލި އިރު ޝިޔާމް އޮތީ ފާހާނާގެ ބިލިގާ ތެރެއަށް ވެއްޓިފަ އެވެ. އޭނާގެ ހެއެއް ނެތެވެ.
ޝިޔާމް އެނބުރި ގެއަށް ގެނައީ ދެ މަސް ފަހުންނެވެ. އޭރު އޭނާ އަކީ ނުހިނގޭ، ނުތެދުވެވޭ ބަލިމީހެކެވެ. ޖެހުނު ސްޓްރޯކް ވަރުގަދަކަމުން މުޅި މީހާ ވަނީ ޕެރަލައިޒްވެފަ އެވެ. މިހާރު އެ ގޭގައި ބަލި ދެ މީހުން ގެންގުޅުމުގެ ޒިންމާއާ ސާދިޔާ އަށް ހަވާލުވާން ޖެހުނީ އެވެ.
ނަމަވެސް އެކަން ކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. ދެން ފެނުނީ މާ ގިނަ ދުވަހެއް ނުވެ ހައިދަރު ހޮޑުލާން ފެށި ތަނެވެ. އޭނާގެ ކަރުން ލޭ އައުން ގިނަވި އެވެ. ކާ އެއްޗެއް ނުކެވެ އެވެ. ވަރުދެރަވެގެން ގޮސް، އެ ކުއްޖާ މުޅިން އޮންނަނީ އެނދުގަ އެވެ. ހޮސްޕިޓަލަށް ގެންދިޔައީ ދެން ރަނގަޅު ނުވާނެކަން ޔަގީންވީމަ އެވެ. އޭޑީކޭގައި ބޭއްވިތާ ދެ ވަނަ ދުވަހު ހައިދަރު މަރުވި އެވެ. އަދި އޭގެ ތިން މަސް ފަހުން ޝިޔާމް ވެސް މަރުވި އެވެ.
ސާދިޔާގެ ވާހަކަ ކިޔައިދީ ނިމުމުން، ކުރިމަތީގައި އިން މީހާ ތެދުވި އެވެ. އޭނާ މަޑުމަޑުން ދެ ކޮޅަށް ހިނގަން ފެށި އެވެ. މުޅިތަން ހިމޭންވެފަ އެވެ. ސާދިޔާގެ ދެ ފަރާތުގައި ދެ މީހުން ތިބީ އެއްވެސް ކަހަލަ ގުނޑުމެއް ނެތި އެވެ.
"ހައިދަރަށް ކަލޭ ދިނީ ކޮން އެއްޗެއް؟" ކުރިމަތީގައި ހުރި މީހާ މަޑުމަޑުން ހިނގަމުން ސުވާލުކުރި އެވެ.
"ވިހައެއް...." ސާދިޔާ ޖަވާބު ދިނެވެ.
"ކޮން ތާކުން އެ ހޯދީ؟" އޭނާ ސުވާލުކުރި އެވެ.
"ބޭރަށް ދިޔަ ފަހަރަކު ގަނެގެން ގެނައީ...." ސާދިޔާ ބުންޏެވެ.
"ދޮގެއް، ދޮގެއް،" ސާދިޔާގެ ކުރިމައްޗަށް ހުއްޓިފައި އެ މީހާ ތަންކޮޅެއް ބާރަށް ބުންޏެވެ.
ސާދިޔާ ދިޔައީ ސިއްސައިގެންނެވެ.
"އެ ކަލޭގެ ގެނެސް މިތާ ބައިންދާ،" އޭނާ އަމުރުކުރި އެވެ. އެހެން ބުނުމާ އެކު ސާދިޔާގެ ދެ ފަރާތުގައި ތިބި ދެ މީހުން ހިނގައިގަތެވެ. އެކަކު ދިޔައީ އޭނާގެ ފަހަތަށެވެ. އަނެއް ކަކު ދިޔައީ އެއް ފަރާތުގައި ހުރި ދަގަނޑު ގޮނޑިއެއް ބަލަ އެވެ. އެގޮނޑި ގެނެސް ސާދިޔާ ކައިރީގައި ބެހެއްޓި އެވެ. ވާން މި އުޅޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އޭނާ އިނީ ބިރުން ހަލާކުވެފަ އެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމުން ވެސް މި މީހުން ގަބޫލުނުކުރުމުން، މިއީ އާދައިގެ ބައެއް ނޫންކަން ސާދިޔާ އަށް ވިސްނުނެވެ.
އިރުކޮޅަކުން ދަމާފައި މީހަކު ގެނެސް، އެ ގޮނޑީގައި ބޭންދި އެވެ. އެއީ ފިރިހެނެއްކަން ސާދިޔާ އަށް އެނގުނެވެ. ދެ އަތާއި ދެ ފައި ބަނުމަށް ފަހު ބޯ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ނެގި އެވެ. ސާދިޔާ ދިޔައީ ސިހިގެންނެވެ. އޭނާ އަށް ގަބޫލެއް ނުކުރެވުނެވެ.
"ތިއީ ކަލެ އަށް އެ ވިހަ ހޯދައިދިން މީހަކީ. ތިއީ ކަލޭ ހިތާވެގެން އުޅުނު ޑޮކްޓަރަކީ. ތިއީ ކުށެއް ނެތް ކުޑަކުއްޖަކާއި ބައްޕަޔަކު މަރާލަން އެހީވި ގާތިލަކީ،" ކުރިމަތީގައި ހުރި މީހާ ބުންޏެވެ.
ސާދިޔާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ލޯބިވެރިޔާ ޑރ. އަރުޝަދަށް ހުރީ އަނިޔާކޮށްފަ އެވެ. ބޮލުން ފެޅިފައި ހުރި ތަން ވަނީ ބެންޑޭޖްކޮށްފަ އެވެ. އޭނާގެ ލޮލުގައި ވަނީ ބިރުވެރިކަމެވެ. ދެ މީހުން އެކަކު އަނެކަކާ ދިމާއަށް އިރުކޮޅަކު ބަލަން ތިއްބެވެ. އެތައް ހާސް ސުވާލެކެވެ. އެވަގުތު އަރުޝަދުގެ އަނގަމަތީގައި އަޅާފައި އޮތް ޓޭޕްގަނޑު ނައްޓާލި އެވެ.
"ބަލަންވީ އަހަންނާ ދިމާއަށް!" ކުރިމަތީގައި ހުރި މީހާ ބާރަށް ބުންޏެވެ. ސާދިޔާ އާއި އަރުޝަދު ބިރުން އިނދެ ކުރިމައްޗަށް ނަޒަރު ހުއްޓާލި އެވެ. އޭރު އެމީހާ ގޮނޑީގައި އިށީންނަނީ އެވެ.
"ތިޔަށް ވުރެ އަނިޔާވެރި ބަޔަކު ދުނިޔެ އިން ފެންނާނީ މަދުން،" އެ މީހާ ބުންޏެވެ. (ނުނިމޭ)