އައިއެސް 2000 ހަނގުރާމަވެރިން ރައްގާގައި އެބަތިބި: އެމެރިކާ
އައިއެސް 2000 ހަނގުރާމަވެރިން ރައްގާގައި އެބަތިބި: އެމެރިކާ

ދިމިޝްގު (އޮގަސްޓް 5) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ސީރިއާގެ ރައްގާ ހިފަން މަސައްކަތް ކުރި ނަމަވެސް އެ ޖަމާއަތުގެ 2،000 އަށް ވުރެ ގިނަ ހަނގުރާމަވެރިން އަދިވެސް އެ ސިޓީގައި އެބަތިބި ކަމަށް އެމެރިކާގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ކޯލީޝަނުގެ ޚާއްސަ މަންދޫބު ބްރެޓް މެކްގާކް ވިދާޅުވީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފުމުގެ އޮޕަރޭޝަން ޖޫން މަހު ފެށި ފަހުން އެ ސިޓީގެ 45 ޕަަސެންޓް މިހާރު ހިފާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްގާގައި ތިބި އައިއެސްގެ ހަނގުރާމަވެރިން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ އަމިއްލަ ސަލާމަތަށް ކަމަށެވެ.

އައިއެސް އިން ރައްގާ ހިފީ ޖޫން 2014 ގަ އެވެ. ރައްގާ ގެއްލުމަކީ އައިއެސް އަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. އިރާގުގައި އައިއެސް އިން އަތްގަދަކޮށްގެން އުޅުނު މޫސަލް ވެސް މިހާރު ވަނީ އެ މީހުންގެ އަތުން ގެއްލިފަ އެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ދަނީ ނޮވެމްބަރު މަހުން ފެށިގެން ރައްގާގައި ކުރިއެރުންތައް ހޯދަމުންނެވެ. ނަމަވެސް އެ ސިޓީ ހިފުމުގެ ބޮޑު އޮޕަރޭޝަން ފެށީ ޖޫން 6 ވަނަ ދުވަހު އެވެ.

ރައްގާގައި މިހާރު ތިބި އާއްމުންގެ އަދަދެއް ނޭނގެ އެވެ. އދ. އިން ލަފާކޮށްފައިވާ ގޮތުގައި 20،000 އާއި 50،000 އާ ދެމެދުގެ އަދަދެއްގެ މީހުން އެ ސިޓީގައި ތިބޭނެ އެވެ.