ނޯތު ކޮރެއާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި
ނޯތު ކޮރެއާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 6) - ނޯތު ކޮރެއާގެ ނިއުކްލިއާ މިސައިލް ޕްރޮގްރާމުގެ މައްސަލާގައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

މިއީ ނޯތު ކޮރެއާ އިން 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ހަތް ވަނަ ގަރާރެވެ. އެމެރިކާ އިން އިސްވެ އެންމެ ފަހުން ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ ސަލާމަތީ މަޖިލީހުގެ އިއްތިފާގުންނެވެ. އާ ގަރާރުގެ ދަށުން ނޯތު ކޮރެއާގެ އެކްސްޕޯޓް އެއް ބިލިއަން ޑޮލަރާ ހަމައަށް މަނާކުރާނެ އެވެ. އޭގެ ތެރޭގައި ބޯޓު ދެއްޔާއި ދަގަނޑު އަދި ސީފުޑް ހިމެނެ އެވެ. ނޯތު ކޮރެއާ އިން މިދިޔަ އަހަރު އެކްސްޕޯޓްކޮށްފައި ވަނީ ތިން ބިލިއަން ޑޮލަރުގެ މުދަލެވެ.

ނޯތު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އެ ގައުމުން އެންމެ ފަހުން ޓެސްޓްކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކާ ގުޅިގެންނެވެ. މި ޓެސްޓްތަކާ ގުޅިގެން ވަނީ އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ މިސައިލެއް ނޯތު ކޮރެއާ އިން އުފައްދަފާނެކަމުގެ ބިރު ހީވެފަ އެވެ.

އެންމެ ފަހުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެމެރިކާ ސަފީރު ނިއްކީ ހާލޭ ވިދާޅުވީ މިއީ ނޯތު ކޮރެއާ ދެކޮޅަށް އެޅި ދަތިކުރުމުގެ އެންމެ ވަރުގަދަ ޕެކޭޖް ކަމަށެވެ.