ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފި
ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފި

ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު މާލެ ގެނެސްފި އެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބު މިހާރު ވަނީ އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫނިދޫ ޖަލަށް އަނބުރާ ގެންގޮސްފަ އެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ލޮލުގެ ޑޮކްްޓަރަކަށް އަދީބު ދައްކާފައިވާއިރު އެމަނިކުފާނަށް ވަނީ ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައި ކަމަށް އާއިލާ އިން ބުނެ އެވެ. އަދި އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.

"ވަރަށް ވީކްކޮށް [އަދީބު] މިހާރު ފެންނަނީ. އައިނު ނާޅައި އެއްވެސް ގޮތަކަށް ނުފެނޭ. ހާލަތު ގޯސް ވަމުން ދަނީ،" އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހުރޫމް ނުކުރުމަށް އާއިލާ އާއި ވަކީލުން ގެންދަނީ ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގައި އެދެމުންނެވެ. ނަމަވެސް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވުމުގެ ހުއްދަ ދީފިނަމަ، އެ މަނިކުފާނު ފިއްލަވައިފާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑު ވާނެ ކަމަށް މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދީބު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަކޮށް، ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.