07 އޯގަސްޓް 2017 - 15:44

ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތައް ބައިވެރިވާ ޖަމިއްޔާ، ޕްރައިވެޓް ހަޔާ އެޑިޔުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) ގެ ޗާޓަރު ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފީމް އިން ބުނީ އެ ޗާޓަރުގެ ބޭނުމަކީ ކޮލެޖުތަކުން ފޯރުކޮށްދޭ މަތީތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޭނުންވާ މިންގަނޑުތަކެއް ކަނޑައަޅައި، އެއްބަސްވުމަކަށް އައުން ކަމަށެވެ.
ސައިރެކްސް ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޗާޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ. އަޒްލީން ވިދާޅުވީ މަތީ ތައުލީމުގެ ސިނާއަތު އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން ކަމަށެވެ. އަދި ހަރުދަނާ، އިތުބާރު ހިފޭ ސިނާއަތެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފީމް އާއި ޕްރައިވެޓް ހަޔާ އެޑިޔުކޭޝަން މަރުކަޒުތަކުގެ ދައުރު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.
ފީމްގެ ރައީސް އަބްދުލްއަޒީޒް އިބްރާހީމް ވިދާޅުވީ މަތީތައުލީމާ ގުޅުން ހުރި ތަފާތު ޕޮލިސީތައް ކަނޑައެޅުމާއި، ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމުގައި އެ އެސޯސިއެޝަނުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ.
"ޗާޓަރުގެ ފުރަތަމަ ދެލިކޮޕީ އަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފަހު، ކައިރި މުސްތަގުބަލެއްގައި ޗާޓަރުގައި ސޮއިކުރެވިގެން ދާނެ،" އަޒީޒް ވިދާޅުވި އެވެ.
އަލަށް އެކުލަވާލާ ޗާޓަރުގެ ފުރަތަމަ ދެލިކޮޕީގައި 13 މަގުސަދެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން މަތީތައުލީމު ފޯރުކޮށްދިނުމުގެ އަސާސީ ބަހާތަކާއި، މަތީތައުލީމު ފޯރުކޮށްދިނުމުގެ މުޅި ނިޒާމުގައި ހުރި އުސޫލީ ތަފާތުތައް އެއްގޮތްކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފީމް އިން ބުންޏެވެ.
ޗާޓަރުގެ ފުރަތަމަ ދެލިކޮޕީ އަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފަހު، ކައިރި މުސްތަގުބަލެއްގައި ޗާޓަރުގައި ސޮއި ކުރެވިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
ފީމްގެ މެންބަރުގެ ތެރޭގައި ހިމެނޭ ކޮލެޖްތަކަކީ ސައިރިކްސް، ވިލާ، މެޕްސް، އެވިޑް، އެމްއައި އަދި ކްލިކް ކޮލެޖެވެ.