ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަންނަ މަހު ވިލާ ކޮލެޖުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ކުރިން ހަމަޖައްސާފައި އޮތް ގޮތުން އިއްޔެ އަކީ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހެވެ.

ތިން ވަނަ ސެމިސްޓާގެ ކިޔެވުން ސެޕްޓެމްބަރު މަހު ފެށޭއިރު ތަފާތު ދާއިރާތަކުން 53 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއީ މާލޭގެ އިތުރުން އެކި ރަށްރަށުގައި ގާއިމް ކޮށްފައިވާ އެ ކޮލެޖުގެ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.

މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ 16 ކޯހަކާއި އެޑްވާންސް ޑިޕްލޮމާގެ ތިން ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ތިން ކޯހެއް، އަންނަ މަހު ފަށާ ކޯސްތަކުގައި ހިމެެނެ އެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ އަށް ކޯހެއް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކަސްޓަމަ ކެއާ ކޯހާއި ޓޫރިޒަމް ދާއިރާ އަށް ޒުވާނުން ނެރެދިނުމަށް އަލަށް ފަށާ ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސްގެ ކޯސްތައް ވެސް ހިމެނެ އެވެ.

ކޯސްތަކުގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ.

ވިލާ ކޮލެޖުން ބުނިގޮތުގައި އަންނަ މަހު ފަށާ ކޯސްތަކަށް ވެސް ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ކުރިމަތިލަމުންނެވެ.