09 އޯގަސްޓް 2017 - 07:05

ފިރިމީހާ އަޖޭ ދޭވްގަންއާ އެކު އަލުން ފިލްމެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށާއި އެކަހަލަ ފުރުސަތެއް ތަނަވަސްވާނެ ކަމުގެ އުންމީދުގައި ހުރި ކަމަށް ބަތަލާ ކާޖޮލް ބުނެފި އެވެ.
އެ ދެ މީހުން އެކުގައި ކުރިން ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޕިޔާރް ތޯ ހޯނާ ހިތާ (1998) އަދި ދިލް ކިޔާ ކަރޭ (1999) ފާހަގަކޮށްލެވެ އެވެ.
ކާޖޮލް އާއި އަޖޭ އެންމެ ފަހުން އެކުގައި ފިލްމެއް ކުޅުނީ މީގެ ނުވަ އަހަރު ކުރިންނެވެ. އެއީ އަޖޭ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް ޔޫ މީ އޯރް ހަމް (2008) އެވެ.
ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ބަތަލާ ބުނީ އޭނާގެ ފޭނުން ވެސް އަޖޭއާ އެކު ފިލްމެއް ކުޅޭނީ ދެން ކޮން އިރަކުންތޯ ވަރަށް ސުވާލު ކުރާ ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަރެމެން ދެ މީހުން އެކުގައި އަލަށް ފިލްމެއް ކުޅެލުމަކީ ވަރަށް ލޯބި ކަމަކަށް ވެސް ވާނެހެން. ފޭނުން ވެސް ވަރަށް ބޭނުންވޭ އަހަރެމެން ދެ މީހުން އެކުގައި ސްކްރީނުން ދެކިލަން،" މީގެ ދެ އަހަރު ކުރިން ޝާހްރުކް ހާނާ އެކު "ދިލްވާލޭ" ކުޅުނު ކާޖޮލް ބުންޏެވެ. "އެހެންވެ އުންމީދު ކުރަން ކައިރި މުސްތަގުބަލެއްގައި އެކަހަލަ ފުރުސަތެއް ފަހި ވާނެ ކަމަށް."
ދެ ކުދިން ވެސް މިހާރު ވެސް ތިބި ކާޖޮލް ބުނީ އެކުގައި ފިލްމެއް ކުޅުމާ ދޭތެރޭ އަޖޭ އާއި އޭނާ އަބަދު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެކަން ވެދާނެ ކަމަށް ބުންޏެވެ.
"ކުޗް ކުޗް ހޯތާ ހޭ" ފަދަ ފިލްމްތައް ކުޅެފައިވާ ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ ތަމަޅަ ފިލްމް "ވީއައިޕީ 2" އެވެ. ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ރޯލުން އޭނާ ފެނިގެންދާ އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.
މި ފިލްމުގެ ބަތަލަކީ މަޝްހޫރު ތަމަޅަ އެކްޓަރު ދަނޫޝް (ކޮލަވަރީ ޑީ) އެވެ.