ގާތުން ދޭއިރު ދަރިން ތަރުކާރީއަށް ލޯބިޖެއްސިދާނެ
ގާތުން ދޭއިރު ދަރިން ތަރުކާރީއަށް ލޯބިޖެއްސިދާނެ

ކުޑަ ދަރިފުޅު ތަރުކާރީ އާއި މޭވާއާ ދުރުކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ މައިންބަފައިން ވަރަށް ގިނަ އެވެ. ދިރާސާއަކުން ދައްކަނީ ދަރިފުޅަށް ގާތުން ދޭ ދުވަސްވަރު މައިމީހާ ތަރުކާރީ ކެއުމުން ދަރިފުޅު ތަރުކާރީ ކެއުމަށް ހިތްޖެހޭ ކަމަށެވެ.

ފިލަޑެލްފިއާގެ މޮނެލް ކެމިކަލް ސެންސެސް ސެންޓަރުގައި ކުރި ދިރާސާއިން އެނގުނު ގޮތުގައި ތަރުކާރީގެ ރަހަ ހުންނަ ކިރު ބުއި ކުދިން، ކައި އުމުރަށް ދިއުމުން ތަރުކާރީ ނުކާން އުޅުމުގެ ފުރުސަތު ކުޑަ އެވެ. އަދި އެ ކުއްޖަކު ގާތުން ބޯ ދުވަސްވަރު ތަޖުރިބާކުރާ ރަހަތަކުގެ ހަރު ކާނާއަށް ފަހުން ވެސް ލޯބިކުރާކަން އެނގުނެވެ.

މި ދިރާސާކުރެއްވި ޓީމުގައި ހިމެނިވަޑައިގަންނަވާ ބައޮސައިކޮލޮޖިސްޓް، ޖޫލީ މެނޭލިއާ ވިދާޅުވީ ކޮންމެ ކުއްޖެއްގެ ވެސް ރަހަތަކުގެ ހިއްސު ތަފާތުވާނެ ކަމަށާއި އެކަން ފެށިގެން އަންނަނީ ބަނޑުގައި ދަރިފުޅު އޮންނަ އިރު މައިމީހާ ކައި އެއްޗަކަށް ކަމަށެވެ. މި ދިރާސާ ކުރުމަށް ބައެއް މައިންނަށް ތަރުކާރީގެ އެކި ބާވަތްތައް ދިނެވެ. އަނެއް ބަޔަކަށް ވަކި ހާއްސަ ކެއުމެއް ނެތެވެ. މި މައިންގެ ދަރިން އޭގެ ފަހުން ކެއީ ކޮން ވައްތަރެއްގެ ކާނާއެއްތޯ ބެލި އިރު، ތަރުކާރީގެ ބާވްތަތްތައް ކޭ މައިންގެ ދަރިން، ތަރުކާރީ ރަހަ ހުރި ކާނާ ރަނގަޅަށް ކެއި ކަން ފާހަގަވެފައިވެ އެވެ.

ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މައިމީހާ ކައި އެއްޗެއްގެ އަސަރު ގާތުން ދޭ ކިރުގައި ވެސް ހުންނާނެ ކަމަށާއި އެހެންވެ ކުދިންނަށް ގާތުން ދޭ ދުވަސްވަރު މައިމީހާ ކައި އުޅޭ އެއްޗެއްގެ ރާހަތް ދަރިފުޅަށް ވެސް ކުރާނެ ކަމަށެވެ. މި ދުވަސްވަރު ތަރުކާރީ ކެއުމުން ދަރިފުޅު ތަރުކާރީ ކެއުމަށް ލޯބި ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނެފައި މައިމީހާގެ ކާނާގައި އެކި ވައްތަރުތައް ހިމެނުމަކީ ދަރިފުޅު ވެސް އެކި ބާވަތްތަކުގެ ކާނާއަށް އިސްކަން ދޭނެ ގޮތް ހެދުމަށް ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށެވެ.