09 އޯގަސްޓް 2017 - 14:12

އިއްޔެއަކީ ކަންޓްރީ މިއުޒިކަށް ލޯބިކުރާ މީހުންނަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. އެމެރިކާގެ "ރައިނެސްޓޯން ކައުބޯއި" ގެ މިއުޒިކް ބޭންޑްގެ ލެޖެންޑް ގްލެން ކޭމްޕްބެލް އަންގާރަ ދުވަހު ވަނީ މަރުވެފަ އެވެ.
އޭނާގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ އުމުރުން 81 އަހަރުގައި ގްލެން މަރުވީ އަލްޒެއިމާ ބައްޔަށް ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ފަހުން ކަމަށެވެ. އޭނާގެ މަރާ އެކު އާއިލާ އަށް ހަމްދަރުދީ ފާޅުކޮށް، ތައުޒިޔާ ފޮނުވި ހުރިހާ މީހުންނަށް ގްލެންގެ އަންހެނުން ކިމް ކެމްޕެލް ވަނި ޝުކުރު ވެސް އަދާކޮށްފަ އެވެ.
ކަންޓްރީ މިއުޒިކްގެ ދުނިޔޭގައި ވަރަށް ބޮޑަށް ވިދާލި ގްލެންގެ 60 އަހަރަށް އަހަރަށް ދެމިގެން ދިޔަ މިއުޒިކީ ކެރިއަރުގައި އޭނާ ވަނީ އެތަކެއް މަގުބޫލް ލަވަތަކެއް އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ. އޭނާގެ އަލްބަމްތަކުގެ 45 މިލިއަން ކޮޕީ ވިކިފައި އެވެ. އެއީ 1968 ގައި އަޅާކިޔާ ނަމަ "ބީޓްލްސް" ގެ ކާމިޔާބީތަކަށް ވުރެ ވެސް މާ ބޮޑު ކާމިޔާބީއެކެވެ.
ގްލެން އެންމެ ފަހުން އަލްބަމެއް ނެރެފައި ވަނީ އޭނާ ކިޔާފައިވާ ކަވަ ލަތަކެއް ހިމަނައިގެން މި އަހަރުގެ ކުރީކޮޅު އެވެ. "އެޑިއޯސް" ގެ ނަން ދީފައިވާ އަލްބަމްގައި ބޮބް ޑައިލަން އާއި ހެރީ ނިލްސަން ފަދަ ލަވަ ކިޔުންތެރިންގެ ލަވަތަކުގެ ގްލެންގެ ކަވަތައް ހިމެނެ އެވެ. ގްލެން ވަނީ ޖުމްލަ 64 އަލްބަމް ނެރެފަ އެވެ.
ޖުމްލަ 10 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ގްލެން ވަނީ ބައެއް ފިލްމްތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ދަ ކޫލް ވަންސް (1967)، ޓްރޫ ގްރިޓް (1969) އަދި ނޯވުޑް (1970) ފާހަގަކޮށްލެވެ އެވެ.
ތިން ދަރިން ތިބި ގްލެން އަށް 2005 ގައި ވަނީ ކަންޓްރީ މިއުޒިކް ހޯލް އޮފް ފޭމްގެ ޝަރަފު ވެސް ލިބިފަ އެވެ.