30 ޖޫން 2016 - 08:03

އަންހެނުންގެ ބޫޓަކީ ބަލައިލަން ރީއްޗަސް އަރައިގެން އުޅެން ފަސޭހަ އެއްޗަކަށް ގިނަފަހަރު ނުވެ އެވެ. ހިމަ ކަށި ލާފައި ހުންނަ، ފަޔަށް ބާރު ބޫޓުތަކަކީ ވަރަށް ލަތީފީ ސްޓައިލެކެވެ. ނަމަވެސް ބޫޓު ބޭލުމަށް ފަހު އުޅެންޖެހެނީ ވަރަށް ވޭނުގައޭ ބުނެވިދާނެ އެވެ. ފައިގައި ފޮޅުލައިގެން ބޭސް އަޅައި ބޮނޑިތާން ކުރަން ވެސް ޖެހިދާނެ އެވެ.
ފަހަކަށް އައިސް ޕެރިސް މިލާންގެ ފެޝަން ޝޯތަކުންނާއި މަގުމަތިން އެންމެ ގިނައިން ފެންނަ ބޫޓު ސްޓައިލަކީ އަރައިގެން އުޅެން ފަސޭހަވެފައި ސްޓައިލިޝް ވައްތަރެކެވެ. "މިއުލްސް" އަކީ ޒަމާނީ ސްޓައިލަކަށް ފަރުމާކޮށްފައިވާ ބޫޓެކެވެ. އަދި އަރައިގެން އުޅެން ފަސޭހަ އަދި ގިނަ ވައްތަރުގެ ހެދުން ސްޓައިލްތަކާ ވެސް ގުޅޭ ބޫޓެކެވެ.
މިއުލް ބޫޓަކީ ކޮއްޕި ބޫޓު ސްޓައިލަށް ހުންނަ ފަލަ ހީލް އެއް ލާފައިވާ ބޫޓެކެވެ. ފަޓުލޫނަކާ އެކު ނުވަތަ ސްކާޓަކާ އެކު ވެސް މި ބޫޓު ގުޅޭ ގޮތަށް އަރާލެވިދާނެ އެވެ.
މިޒަމާނުގެ ބޫޓަކީ ހަމައެކަނި އެއް ތައްގަނޑަކަށް ހުންނަ އެއްޗެއް ނޫނެވެ. މިއުލްސް ވެސް ތަފާތު ގޮތްގޮތަށް ފަރުމާކޮށް ބާޒާރަށް ނެރެފައި އެބަހުއްޓެވެ ފްލެޓް މިއުލްސް، ހިމަ ކައްޓެއް ލާފައި ހުންނަ މިއުލްސް ނުވަތަ ތިރި ހީލެއް ހުންނަ މިއުލްސް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.