މާޒިޔާ ކުޅުންތެރިންގެ ހިތްވަރަކީ ސެކުލޮސްކީގެ ރޭވުން
މާޒިޔާ ކުޅުންތެރިންގެ ހިތްވަރަކީ ސެކުލޮސްކީގެ ރޭވުން

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާ ސްޕޯޓްސް ކްލަބެވެ. އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހަވާލުވި ބިދޭސީ ކޯޗު، މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އުނދަގޫ ހާލަތްތަކުގައި ވެސް ސެކުލޮސްކީ އެ ޓީމުގެ ހުރިހާ ކްރެޑިޓެއް ދެނީ ކުޅުންތެރިންނަށެވެ. އެކަމަކު ހަގީގަތުގައި ކުޅުންތެރިން ގަބޫލުކުރަނީ ކޯޗަށް ވެސް ތައުރީފް ހައްގުވާ ކަމަށެވެ.

މާޒިޔާ ކުޅުންތެރިންގެ ހިތްވަރަކީ ސެކުލޮސްކީގެ ރޭވުން
މާޒިޔާ ކުޅުންތެރިންގެ ހިތްވަރަކީ ސެކުލޮސްކީގެ ރޭވުން

މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެ ވަަނަ ބުރުން މާޒިޔާ އަށް ފުރުސަތު ގެއްލުނީ އެންމެ ފަހު މެޗުން ބެންގަލޫރު އަތުން ބަލިވުމުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ބުރަށް ދެވެން މާޒިޔާ އަށް އޮތެވެ. އެހެން ނަމަވެސް މާޒިޔާގެ ތާރީހަށް ބަލާއިރު މިއީ އޭއެފްސީ ކަޕްގައި އެ ޓީމުގެ އެންމެ ނަތީޖާ ރަނގަޅު ފަހަރެވެ. އެހެންކަމުން ޖުމްލަކޮށް ބަލާއިރު އެ ޓީމުގެ އޭއެފްސީ ކަޕްގެ ނަތީޖާތައް ވެސް މާޔޫސްވާން ޖެހޭހާ ގޯހެއް ނޫނެވެ.

މާޒިޔާ ކުޅުންތެރިންގެ ހިތްވަރަކީ ސެކުލޮސްކީގެ ރޭވުން
މާޒިޔާ ކުޅުންތެރިންގެ ހިތްވަރަކީ ސެކުލޮސްކީގެ ރޭވުން

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު 100 ޕަސެންޓް ރެކޯޑަކާ އެކު ނިންމާލުމުން ގިނަ ބަޔަކު ދިޔައީ މާޒިޔާ އަށް ތައުރީފް ކުރަމުންނެވެ. އެހެން ނަމަވެސް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ފޯމު ގެއްލުމުގެ މައްސަލަތައް ދިމާވެ، ދެ ވަނަ ބުރުގައި މާޒިޔާ ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެ ޓީމަށް މާލޭ ލީގު ލިބުނުއިރު ދެ ވަނަ ބުރުގެ ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ތިން މެޗުން އެއްވަރުވިއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިނުމުގައި ދެ ވަނަ ބުރުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ ޑިފެންސެވެ. ހާއްސަ ގޮތެއްގައި ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސަމުއްޓެ "މިހާރަ"ށް ބުނީ ސެކުލޮސްކީ އަކީ ވަކި ވަކި ކުޅުންތެރިންނަށް ވުރެން ބޮޑަށް މުޅި ޓީމު ކުޅުވަން މަސައްކަތް ކުރާ ކޯޗެއް ކަަމަށެވެ.

"މި ކޯޗު (ސެކުލޮސްކީ)ގެ ތަފާތަކީ އޭނާ ބޭނުންވާނީ ޓީމެއްގެ ގޮތުގައި ހުރިހާ ކަމެއް ވެސް ކުރަން. ވަކި ވަކި ކުޅުންތެރިން ކިތަންމެ މޮޅުވިޔަސް އޭނަގެ ވިސްނުން ބަހައްޓާނީ ޓީމެއްގެ ގޮތުގައި ހުރިހާ ކަމެއް ހާސިލްކުރަން. އޭގެން އަސްލު ވަރަށް ބޮޑު ފަސޭހައެއްވޭ. އެނގޭ ޓީމު އެންމެން ވެސް ދަންނަ އިތުބާރު އޮންނަ ކޯޗެއް ހުރިކަން،" ކުރިން އުފަން ރަށުގެ މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުނު ސަމުއްޓެ ބުންޏެވެ.

ކޮންމެ ކޯޗެއްގެ ޕްލޭނުގައި ވެސް މުހިއްމު ކުޅުންތެރިން ހިމެނޭނެ އެވެ. އެގޮތަށް ސެކުލޮސްކީގެ ޕްލޭނުގައި އޭނާ ހާއްސަ ކަމެއްދޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު އުމެއިރު އާއި އަސަދުﷲ އަބްދުﷲ ހިމެނެ އެވެ. ސީޒަނުގެ ކުރީކޮޅުގައި މި ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނުނުއިރު، މާލޭ ލީގުގައި ދެ ވަނަ ބުރުގައި މި ދެ ކުޅުންތެރިން ވެސް ދަށްވި އެވެ. އޭރުވެސް ސެކުލޮސްކީ ބުނަމުންދިޔައީ އަނިޔާއެއް ނުވެ މާލޭ ލީގު ނިންމާލެވިއްޖެނަމަ ޕްރިމިއާ ލީގުގައި މި ކުޅުންތެރިންނަށް ކުރިން ދެއްކި މޮޅު ކުޅުން ތަކުރާރު ކުރެވޭނެ ކަމަށެވެ.

މާލޭ ލީގުގެ ފުރަތަމަ ދެ މެޗުން މާޒިޔާ ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ދ. ކުޑަހުވަދޫ އަތުން 4-0 އިން މޮޅުވިއިރު ދެ ވަނަ މެޗުން ވާދަވެރި ނިއު ރޭޑިއަންޓް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ. ދެ މެޗުގައި މާޒިޔާ ކުޅުނު ކުޅުން ވެސް ތަފާތެވެ. ކުޑަހުވަދޫ މެޗުގައި އެޓޭކިން ގޭމަކަށް ވިސްނައިގެން ކުޅުނުއިރު، ނިއު މެޗުގައި މާޒިޔާ އިން ކުޅުނީ އޮގަނައިޒް ޑިފެންސިވް ގޭމެކެވެ.

"ކޯޗަކީ (ސެކުލޮސްކީ) ކޮންމެ ހާލަތަކަށް ވެސް ކުޅުންތެރިން ތައްޔާރުކުރާ މީހެއް. އަނެއްހެން ބުނަންޏާ މެޗެއްގައި ދިމާވެދާނެ ހުރިހާ ކަމެއް އޭނަ ރަނގަޅަށް ބުނެދޭނެ. އިދިކޮޅު ޓީމު ކުޅޭ ގޮތް ވެސް ވަރަށް ރަނގަޅަށް ބުނެދޭ. މިއީ ވަރަށް މުހިއްމު ބައެއް އަޅުގަނޑުމެންގެ ނަތީޖާ ރަނގަޅުވުމުގެ،" އަސަދުﷲ ބުންޏެވެ.

މާލޭ ލީގުގެ ކާމިޔާބީ އަށް ފަހު ސެކުލޮސްކީ ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ޕްރިމިއާ ލީގު ދިފާއުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން މާޒިޔާ އަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޓީމު ވަރުގަދަ ކޮށްފައިވަނީ އެކި ގޮތްގޮތުން ވިސްނާފައި ކަމަށެވެ.

"އަހަރެމެން ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގައި ވިސްނީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ބެލިޔަސް ރާއްޖޭގައި ކުޅުމުގެ ތަޖުރިބާ ހުރި ކުޅުންތެރިން ގެންނަން. އަހަރެމެން ބޭނުންކުރީ ފައިސާއަށް ވުރެ ބޮޑަށް އަމިއްލަ ސިކުނޑި،" ނިއުއާ ދެކޮޅަށް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ އެއްވަރަށް ދެ މެޗުން ހަ ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ލަނޑުގެ ގޮތުން ކުރި ލިބޭތީ އެވެ. ލީގުގައި ދެން އެންމެ އަވަހަށް މާޒިޔާ ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ށ. މިލަންދޫއާ ދެކޮޅަށެވެ.